17 އަހަރުން ދަށުގެ ވޯލްޑް ކަޕް: ސެމީގައި ބްރެޒިލް އާއި އިންގްލެންޑްގެ ވަރުގަދަ ކުރިމަތިލުމެއް، ސްޕެއިން އިން އެންމެ ފަހުގެ ޗެމްޕިއަން މާލީ އާ ދެކޮޅަށް

އަވައްޓެރި އިންޑިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް 2 މެޗުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވ...

24 Oct 2017 | 00:37

އަވައްޓެރި އިންޑިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް 2 މެޗުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލް ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އެ މެޗަށްފަހު ހަމަ އެ ދުވަހު ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި، ސްޕެއިން ވާދަކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާލީ އާއެވެ.

ބްރެޒިލް ސެމީގެ ޖާގަ ކަށަވަރު ކުރީ ކުއާޓާ ފައިނަލްގައި ފަހަތުން އަރާ ޖަރުމަނު ބަލިކޮށްގެންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ އަކުން ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޖޭން ފިއެޓްއެވެ. ފުރަތަމަ ހާފު މި ނަތީޖާއެކު ނިމުނު އިރު، ބްރެޒިލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 71 ވަނަ މިނިޓުގައި ވީވަސަން އެވެ. އޭގެ 6 މިނިޓު ފަހުން ބްރެޒިލްއަށް ލީޑު ނަގައިދީ 8 ވަނަ ފަހަރަށް 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދިނީ ޕައުލީނިއޯ ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ.

ބްރެޒިލް އާ ދެކޮޅަށް ސެމީ ފައިނަލްގައި ވާދަކުރާ އިންގްލެންޑުން ވަނީ ކުއާޓާ ފައިނަލްގައި 4-1 އިން އެމެރިކާ ބަލިކޮށްފައެވެ. އިންގްލެންޑުގެ ބްރޫސްޓާ ހެޓްރިކެއް ހެދިއިރު އަނެއް ލަނޑު ކާމިޔާބު ކުރީ ގިބްސްއެވެ. އެމެރިކާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސާޖެންޓެވެ.

މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރާ ސްޕެއިން ކުއާޓާ ފައިނަލް ކާމިޔާބުކޮށް ސެމީއަށް ދަތުރު ކުރީ 3-1 އިން އިރާން ބަލިކޮށްފައެވެ. ސްޕެއިނުން އަބެލް ރުއިޒް، ސާޖިއޯ ގޮމޭޒް އަދި ފެރާން ގެ ލަނޑުތަކުން ކުރި ހޯދާފައިވަނިކޮށް އިރާންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކަރީމީއެވެ.

ސްޕެއިން އާ ދެކޮޅަށް ދެވަނަ ސެމީ ފައިނަލް މެޗުގައި ނުކުންނަ އެންމެ ފަހުގެ ޗެމްޕިއަން މާލީ ސެމީއަށް ދަތުރުކުރީ 2-1 ގެ ނަތީޖާއިން ގާނާ ބަލިކޮށްފައެވެ. ގާނާ އިން ޑްރެމޭ އަދި ޑީޖެމޯސާ ގެ ލަނޑުތަކުން ލީޑު ނަގާފައިވަނިކޮށް ގާނާގެ ހަމައެކަނި ލަނޑު ޖަހައިދިނީ 70 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން މުޙައްމަދެވެ.

ބްރެޒިލް އާއި އިންގްލެންޑް ވާދަކުރާ ސެމީ ފައިނަލް ފުރަތަމަ މެޗު އޮކްޓޯބަރ 25 ވަނަ ދުވަހު ފަށާނީ ރާއްޖެ ގަޑިން 16:30 ގައެވެ.

ސްޕެއިން އާއި މާލީ ވާދަކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗު އޮކްޓޯބަރ 25 ވަނަ ދުވަހު ފަށާނީ ރާއްޖެ ގަޑިން 19:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް