ސޫރިޔާގައި ދިން ވައިގެ ހަމަލާއެއްގައި 14 މީހަކު މަރާލައިފި

ސޫރިޔާ ސަރުކާރުގެ ބާރު ދަށުގައި އޮތް ދައިރު އަލް ޒައުރަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއްގައި އާއްމުންގެ 14 މީހަކު މަރާލައިފި އެވެ. ސޫރިޔާ ގައުމީ ޓީވީން ބުނެފައިވާގޮތުގައި އެ ހަމަލާއަކީ އައިއެސް ޖަމާއ...

24 Oct 2017 | 00:26

ސޫރިޔާ ސަރުކާރުގެ ބާރު ދަށުގައި އޮތް ދައިރު އަލް ޒައުރަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއްގައި އާއްމުންގެ 14 މީހަކު މަރާލައިފި އެވެ.

ސޫރިޔާ ގައުމީ ޓީވީން ބުނެފައިވާގޮތުގައި އެ ހަމަލާއަކީ އައިއެސް ޖަމާއަތާއި ހަނގުރާމަ ކުރަމުން އަންނަ އެމެރިކާ ކޯލީޝަންގެ ޖެޓްތަކުން ދިން ހަމަލާ އެކެވެ. އެ ހަމަލާގައި 14 މީހަކު މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 32 އަށް އަރާފައިވާކަމަށް ސޫރިޔާގެ ގައުމީ ޓީވީން ވަނީ ބުނެފަ އެވެ.

އހެންނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާގައި 22 މީހަކު ވަނީ މަރުވެފަ އެވެ. އެ ހަމަލާތައް ދީފައިވަނީ ކޮން ބައެއްކަން ނޭނގޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގެ ކޮންޓްރޯލް ސޫރިޔާ ސަރުކާރަށް އޮތް ނަމަވެސް ސީރިއަން ޑެމޮކްރެޓިކް ފޯސަސް އާއި އެމެރިކާ ކޯލީޝަނުން އަންނަނީ ދައިރު އަލް ޒައުރުގައި އައިސް ޖަމާއަތާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައަށް ހަ އަހަރުވެފައިވާއިރު ހަނގުރާމަ ކުރަމުން އަންނަނީ އެތައް ފެކްޝަނެއްގެ މެދުގަ އެވެ. ސުންނީ އަރަބި ގްރޫޕްތަކާއި ސަލަފީ ޖިހާދިސްޓު ގްރޫޕްތަކާއި އައިއެސް ޖަމާއަތާއި ސީރިއަން ޑެމޮކްރެޓިކް ފޯސަސް އަދި އެމެރިކާގެ ކޯލީޝަނުން އަންނަނީ މި ހަނގުރާމައިގާ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް