ރައީސް ޔާމީނަށް އޮފީހަށް ވަޑައިގެންނެވެނީ 10 ޖަހާއިރު ކަމަށާއި މެންދުރު ދޭއްޖަހާއިރު ގެއަށް ވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "60 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީން އޮފީހަށް ވަޑައިނުގަންނަވާތީ ބައެއް ބޭފުޅުނަށް ހުވާ ނުކުރެއްވިފައިވެސް އެބަހުރި ކަމަށާއި 10 ޖަހާއިރު ވަޑައިގެން ދޭއް ޖަހާއިރު ގެއަށް ވަޑައިގަންނަވާއިރު މިހާރު ސަރުކާރުގެ ރަސްމީގަޑި ބަދަލުކޮށްފައިމިވަނީ އެގޮތަށް ކަމުގައި ވެސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވަނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހުރިހާ ކަމެއްގެ ތެރެއަށްވެސް ރައީސްގެ އަނބިކަނބަލުން ވަންނަވާ ކަމަށް ވިދާޅުވި އެވެ.
"ވަޒީފާ ހޯދުމަށްވެސް، ބޭސްފަރުވާއަށްވެސް، އެހެނިހެން ކަންކަމަށްވެސް އަތްބާނައްވަނީ ރައީސްގެ އަނބިކަނބަލުން، އެއީ ދުސްތޫރު އޮތް ގޮތެއް ނޫން" ޑރ ޖަމީލު ވިދާޅުވި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ރައީސް ނަޝީދުގެ މައްސަލައާއި ބެހޭގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ހިންގެވީ ރަނގަޅަކަށް ނޫން ކަމަށެވެ. އެކަންކުރީ ޤާނޫން އަސާސީގައި ބުނާ އިޖުރާއަތު ތަކާ އެއްގޮތަކަށް ނޫން ކަމަށެވެ. އަދި އެއިޖުރާއަތުތައް ފުރިހަމަކުރިނަމަ 11 އަހަރުގެ ހުކުމެއް އަންނަވަރުގެ ބޮޑު ޝަރީއަތެއް އެހާ އަވަހަށް ނިންމާ ނުލެވޭނެ ކަމަށާއި ނާޒިމަށް އެކުރި ހުކުމަށް ބަލާއިރު ނެތް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ވެރިކަމަށް އައިފަހު ރައީސް ޔާމީނަށް ކުރެވުނިއްޔާ ކުރެވުނު ކަމަކީ މީހުން ހައްޔަރުކުރުމާ ދައުވާކުރުން ކަމަށާއި ވެރިކަމަށް އައުމާއެކު ފެށީ ވެރިކަމުގައި ދެމިތިބުމަށް އެހެން މީހުން މީހުން ނައްތާލުން ކަމަށާއި އަދި އެކަމަށް ފުލުހުންނާ ސިފައިންގެ ބައެއް އިސްވެރިން ބޭނުންކުރި ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ގޮޅިތަކުގައި އެތިބީ އެމީހުން ކަމަށާއި އެގޮތުން ސީޕީ ހުސައިން ވަހީދު ބޮޑު ދައުރެއް އަދާކުރި ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރުގައި ކުރެވުނު ތަޖްރިބާއަށް ބަލާއިރު ސަރުކާރުން އުޅުނީ އަނިޔާ ދޭން، އޭގެ އެއްހެކި ނާޒިމަށް ކުރި ދައުވާ އަކީ، އެކަން ކުރުމުގައި ހުސައިން ވަހީދުމެން ސިޔާސީ ރިޕޯޓްތައް ތައްޔާރުކުރި،ނާޒިމް ހައްޔަރުކުރުމުގައި ހުސައްން ވަހީދުގެ އަތެއްވޭ" ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން އުޅުއްވަނީ ވެރިކަން ކުރެއްވުމުގެ ބަދަލުގައި ފަސާދައިގެ ކަންކަން ހިންގެވުމަށް ކަމށާއި އެގޮތުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރަށްތައް ދެއްވުމާއި ބައިވަރު އެފަދަ ކަންކަން ހިންގެވި ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ މިސްރާބު ހުރީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"މި ސަރުކާރުން އުޅުނީ ރައްޔިތުންގެ ކަންކަން އިސްލާހު ކުރާކަށް ނޫން، ސަރުކާރުން އުޅުނީ އަބަދުވެސް ޕާލަމެންޓްރީ ގްރޫޕު ރުއްސައިގެން އެމީހުން ގޮވައިގެން އުޅުމަށް، އެމީހުންނަށް ހަދިޔާ ދިނީ އެހެންވެ" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ އިންތިޚާބުކުރި ސަރުކާރެއް މިހާރަކު ނެތް ކަމަށާއި ރައީސް ޔާމީންގެ ކިރިޔާވެސް ޤައުމަށް ލޯތްބެއް ހުރިއްޔާ މިހާރުން މިހާރަށް ރާއްޖޭގައި އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް