ރައީސް ޔާމީން ފެއިލްވެފައިވާކަން ފާޅުކަންބޮޑު ގޮތެއްގައި މި އަންނަނީ ހާމަވަމުން: އެމްޑީޕީ

ރާއްޖޭގެ ދުސްތޫރީ ވެރިކަން ކިލަނބުވެ ދައުލަތުގެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ރައީސް ޔާމީން ފެއިލްވެފައިވާކަން ފާޅުކަންބޮޑުގޮތެއްގައި މިއަދު މިދަނީ ހާމަވަމުން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ...

24 Oct 2015 | 17:19

ރާއްޖޭގެ ދުސްތޫރީ ވެރިކަން ކިލަނބުވެ ދައުލަތުގެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ރައީސް ޔާމީން ފެއިލްވެފައިވާކަން ފާޅުކަންބޮޑުގޮތެއްގައި މިއަދު މިދަނީ ހާމަވަމުން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ ރާއްޖޭގެ ސިޔާސީ އަދި ސަލާމަތީ ހާލަތު ބިރުވެރި އަދި ނުރައްކާތެރި ހާލަތެއްގައި ވާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

"ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާގެ ތަޙްޤީޤް ކުރިއަށްދާއިރު ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތީ އެންމެހައި ކަންކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ދެ މުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސް ވެރިން ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފައ، އަދި މި ދެމުވައްސަސާގެ އިސް ސަފުތަކަށް ބޮޑެތި ބަދަލުތައް ގެނެވޭ ހިނދު އެކަން ކުރެވޭ ސަބަބުތައް ރައްޔިތުންނަށް ހާމަކޮށްފައިނުވާކަމީ ކަންބޮޑުވާ ކަމެއް، މިފަދަ ބޮޑެތި ބަދަލުތަކާއެކު ވެރިކަން ކުރާ މާލޭގައި އާދަޔާ ޚިލާފަށް ގިނަ ސިފައިންނާއި ފުލުހުން މަގުތައް މަތީ ހަތިޔާރާއެކު ޙަރަކާތްތެރިވުމާއި، މާލޭގެ ބޮޑެތި މަގުތައް އެއްވެސް އެންގުމަކާ ނުލައި ބަންދުކުރުމާއި، މީހުން ދިރިއުޅޭ ގެތަކަށް ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ވަންނަވަމުން ދާއިރު މިހިނގާ ކަންކަމުގެ އެއްވެސް މަޢުލޫމާތެއް ރައްޔިތުންނާ ހާމަ ކުރަމުން ނުދާ ކަމީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުންގެ މުއައްސާގެ އިތުރުން ސަރުކާރުގެ މުހިއްމު ވުޒާރާތަކުގެ އިސްވެރިން ހައްޔަރުކޮށް ބޮޑެތި ތަޙްޤީޤްތައް ހިންގަމުންދާއިރު މިކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަ ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންނެވުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މިހާރުވަނީ ދޫނިދޫގައި ބަންދުކޮށްފައިވާއިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަބްދުﷲ ޔާމީން މިވަގުތާ ހަމައަށްވެސް ރައްޔިތުންނާ މުޚާތަބު ކުރައްވާފައެއް ނުވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

މީގެ އިތުރުން ނައިބު ރައީސް ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑީގައި އެމަނިކުފާނަށް ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ސަލާމަތީ ކަންކަން ވަރުގަދަކޮށް ގްރީންޒޯން އާންމުންނަށާއި މީޑިޔާއަށް ބަންދުކުރެވޭނެ ކަމުގައި ކަމަށާއި އެހެންނަމަވެސް ނައިބު ރައީސް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރުމަށްފަހު  ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޤައުމަށް ޤައްދާރުވުމުގެ ތުހުމަތުގައިކަމުގައި ކަމަށް ފުލުހުން ބުނާއިރު ފުލުހުންގެ މުވައްސަސާއިން މިފަދަ ގޮތަކަށް ރައްޔިތުންނަށް އޮޅުވާލެއްވުމުން މުވައްސަސާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

"ސަރުކާރުގެ ވެރިން ހައްޔަރުކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިއްމު މުވައްސަސާތަކުގެ މަސައްކަތް މިއަދު ހުއްޓިފައިވުމުން އެކަމުގެ ނިކަމެތިކަން އާޚިރުގައި ތަޙައްމަލް ކުރަން ޖެހޭނީ ދިވެހި ރައްޔިތުން، ސަރުކާރު ހިންގުމާ ރައްޔިތުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރައީސް ޔާމީންގެ ސަރުކާރު ނުކުޅެދިފައިވާކަން މިއަދު މިވަނީ ހާމަވެފައި، ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އައި ޑިމޮކްރަސީ ފުނޑާލުމަށް ރައީސް ޔާމީންގެ ސަރުކާރުން އެކިގޮތްގޮތުން އަންނަނީ މަސައްކަތް ކުރަމުން، ރައްޔިތުންގެ އަޑު ކަނޑުވާލައި ޤާނޫނު އަސާސީންނާއި ދިވެހިރާއްޖެ ބައިވެރިފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ސިޔާސީ ކުލަވަރުޖެހިފައިވާ ނުޙައްޤު ޝަރީޢަތް ހިންގުން މިއަދު މިވަނީ ޢާންމުވެފައި" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިމިވާ ބިރުވެރިކަމުން މިންޖުވެ، ދިވެހި ވެރިކަން ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ހިންގުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކު އެމްޑީޕީ ދެމި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް