ސީޕީ ކަނޑައިލީ ފެންފޯއް ރުށްތަށް ކަނޑައިލިތާ އަހަރެއް ވީ ދުވަހު، އިއްތިފާގެއްތަ !؟

ފުލުސް އޮފީހުގެ ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އެ މުއައްސަސާގެ އިސްވެރިންގެ މަގާމުތައް އެހެން ދިމަދިމާއަށް ބަހައިލީ ރޭގެ ވަގުތެއްގަ އެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހ...

24 Oct 2015 | 04:57

ފުލުސް އޮފީހުގެ ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އެ މުއައްސަސާގެ އިސްވެރިންގެ މަގާމުތައް އެހެން ދިމަދިމާއަށް ބަހައިލީ ރޭގެ ވަގުތެއްގަ އެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަރީފު، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ހަވާލުކުރެއްވި އެވެ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙަންމަދު ޞާދިޤު މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރގެ ނައިބުގެ މަޤާމަށް ބަދަލުކުރެއްވި އެވެ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙަސަން ޙަބީބު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބަދަލުކުރެއްވި އެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙުސައިން ވަޙީދު ބަދަލު ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށެވެ.

ފުލުސް އޮފީހުގެ މަތީފަޑިއަށް ރޭ ލޮޅުންތަކެއް އަރާފައިވާއިރު މިދިޔަ އަހަރުގެ މި ދުވަހު 23 އޮކްޓޯބަރު 2014 ވަނަ ދުވަހުގެ ރޭ ވެގެންދިޔައީ ފުލުސް އޮފީހުގެ އިސްވެރިންގެ ބޮލުގައްޔާއި އެސްއޯ ފުލުހުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވިގެން ދިޔަ ރެއަކަށެވެ.

އެ ރޭގެ ދަންވަރުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުރި ފެންފޯއްރުއްތަށް ކަނޑާ ބިމާ ހަމަކޮށްލި އެވެ. ބައެއް މީހުން ބުނާ ގޮތުން މިކަން ކުރީ އެސްއޯ ފުލުހުންނެވެ. ރައީސް ނަޝީދުވެސް އެފަދައިން ވިދާޅުވި އެވެ. އަދި އެ މައްސަލަ ވަރަށް ހޫނުވެގެންވެސް ދިޔަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ވަކިކޮށްފައިވާ ހުސެއިން ވަހީދު އެސްއޯ ފުލުހުން މެދުވެރިކޮށް ބައެއް ޖަރީމާތައް ހިންގާ ކަމަށް ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ވާހަކަތައް ދެކެވެ އެވެ. އަދި ފެންފޯއް ރުށްތައް ކަނޑާލީވެސް ކުރީގެ ސީޕީ ހުސެއިން ވަހީދުގެ އޯޑަރަށް ކަމަށްވެސް ސޯޝަލް މީޑިއާގައްޔާއި ތުންތުންމަތިން ވާހަކަތައް ދެކެވެމުން ދިޔަ އެވެ.

ކޮންމެއަކަސް އިއްތިފާގަކުން ނަމަވެސް ސީޕީ ހުސެއިންވަހީދު ފުލުސް އޮފީހުން ކަނޑާލާފައި މިވަނީ މާލޭގައި ފެންފޯއްރުށްތައް ކަނޑާލިތާ އަހަރެއްވި ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް