ރައީސް މުއިއްޒު ބޭރު ދުނިޔެއާ ގުޅުން ބަދަހިކުރުމުގައި އަވަދިނެތި !

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަގުތު އެ ހުންނެވީ އެމެރިކާގެ ނިއުޔޯކްގައެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް މިފަހަރު ވަޑައިގެންނެވީ ހު...

24 Sep 2024 | 06:46

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަގުތު އެ ހުންނެވީ އެމެރިކާގެ ނިއުޔޯކްގައެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް މިފަހަރު ވަޑައިގެންނެވީ ހުދު އެމަނިކުފާނެވެ.

ރައީސް ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގައެވެ. ހޮނިހިރު ދުވަހު ރައީސް އެމެރިކާއަށް ވަޑައިގެން އެ ސެޝަންގެ ސައިޑް އިވެންޓެއް ކަމުގައިވާ "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެތް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު އެ އިވެންޓްގައި ގޮވައިލެއްވިއެވެ.

ޖެހިގެން އައި އާދީއްތަ ދުވަހު "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު ހަމަ އެ ދުވަހު ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅު ދެއްކެވިއެވެ. އދ.ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިއަށްދިޔަ އެ ސަމިޓުގައި، ރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިގްތިސާދީ ފުރުސަތުތައް އިތުރު، އިޖްތިމާއީ ހަމަހަމަކަން ގާއިމްވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި ފެނިގެންދިއުމަށް އެދިވަޑައިގަންވާކަމުގައި ވިދާޅުވިއެވެ.

ހަމަ އެ ދުވަހު ނިއުޔޯކުގައި ތިބޭ ދިވެހިންނާއި ރައީސް ބައްދަލުކުރެއްވިއެވެ.

އެއަށްފަހު އިއްޔެ ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

އެއަށްފަހު ހަވާސާގައި ޗައިނާގެ ހާރިޖީ ވަޒީރާއި ކުވޭތުގެ ވަލީ އަހުދާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާއި ސައޫދީ ހާރިޖީ ވަޒީރުގެ އިތުރުން އޮމާންގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދޭދޭ ގުޅުން ބަދަހިކުރުމާއިމެދު މަޝްވަރާތައް ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާއި ގަދަރެއް އެ ގައުމަކަށް އެ ބަޔަކަށް ދެވިފައިވާ ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސާ ރައީސް ބައްދަލުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ކަންކަމަށް އަބަދުވެސް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ގިނަ ގައުމުތަކަކާއި ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރަމުން އަންނައިރު ބައިނަލްއަގްވާމީ ގޮތުން މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ މަންފާތަކެއް ކުރާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް