ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިހުރި މީހަކު އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
މަރުވެފައިވަނީ ކ. މާލެ، ގ. އެއްތެޔޮމާގެ، އުމުރުން 62 އަހަރުގެ އަބްދުލް ޢަނީ އިސްމާއީލެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އިން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 06:52ގައި އަބްދުލް ޣަނީ އިސްމާއީލް އޭނާ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށި ހޮސްޕިޓަލަށް ގެންދެވުނެވެ.
"ޑަކުޓަރު ވަނީ 07:21 ގައި އަބްދުލް ޢަނީ އިސްމާއީލް މަރުވެފައިވާކަމަށް ކަނޑައަޅާފައި" ކަރެކްޝަންސް އިން ބުނެފައިވެއެވެ.
އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީތް ނިމެންދެން ބަންދުކޮށްފައިހުރި މީހެކެވެ.
މަރުގެ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފައިވެއެވެ. އޭގެ އިތުރުން ކަރެކްޝަންސް އިންވެސް ތަހުގީގު ކުރާނެކަމުގައި ކަރެކްޝަންސް އިން ބުނެފައިވެއެވެ.
މިފަދަ ހާދިސާއެއް މިއަދު ހިނގާފައިވާއިރު އަންހެނަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު އަމިއްލައަށް މަރުވި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އަތުހަރު މަރުވީ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް