އުތުރު ތިލަފަޅަށް އަރަން މަސައްކަތްކުރި ނޫސްވެރިންނަށް ފިޔަވަޅު އަޅައިދިނުމަށްއެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ މިއަދު ދިޔަރެސްގެ ބައެއް ނޫސްވެރިން އުތުރު ތިލަފަޅަށް ލޯންޗެއްގައި ގޮސް އެ ރަށަށް އަރަން މަސައްކަތްކުރި ކުރުން ކުށްވެރިކޮށް އެމްއެންޑީއެފުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެމްއެންޑީއެފުން ބުނެފައިވަނީ އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި މި ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން ރޭގެ ވަގުތެއްގައި ހާމަކުރައްވާފައިވަނިކޮށް މިއަދުގެ ވަގުތެއްގައިވަނީ ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށްވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކުރިކަމަށެވެ.
"އުތުރުތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްގީ ކުރަމުން އަންނަ ބަދނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، މިގޮތަށް ހުއްދަ ހޯދުމެއްނެތި އެ ރަށަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާއި ހިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމު" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަނެވެ. އަދި އެފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތް ކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ. މިގޮތުން ސިފައިންގެ ބަނދަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރުމުން އެކަން ހުއްޓުވުމަށް އެ ރަށުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީވެސް އެ އުސޫލުންކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
"ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން ފާހަގަކުރަމެވެ. ވީމާ އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މިފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެވާހަކަ ދަންނަވަމެވެ" އެމްއެންޑީއެފުން ބުނެފައިއެވެ.
އިތުރަށް ބުނެފައިވަނީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާއި ހިލާފު އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ހުރަސް އެޅޭފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ނުކުރުމަށާއި ސިފައިނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ނުފެތުރުއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް