ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ މައްސަލަތައްވެސް މިދަނީ ތަހުގީގު ކުރަމުން: އޭސީސީ

އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން...

24 Sep 2023 | 13:27

އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ކޮމިޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ ތަބީއަތުގެ މައްސަލަތަކެއްކަމުން، އެ މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނުން ތަބާވާނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށާއި އަދި އެފަދަ މައްސަލަތައް ނިންމުމުގައި ބުރަވަނީ އެމައްސަލަތަކާ ގުޅިގެން ހުށަހެޅޭ އަދި ހޯދޭ ހެކިގަރީނާގެ މައްޗަށް ކަމަށެވެ.

"ކޮމިޝަނަށް މައްސަލަ ހުށަހަޅާއިރު، ލިބެންހުރި އެކަށީގެންވާ ހެއްކާއެކު އެމައްސަލައެއް ހުށައެޅުމަކީ އެފަދަ ނޭދެވޭ އަމަލުތައް ހުޓުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ނެރުމަށް ލިބޭނެ އިތުރު ބާރެކެވެ. އަދި ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހެޅުމާއި، ރިޝްވަތު ހިފުންފަދަ އަމަލުތަކުން ދުރުހެލިވުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބިގެންދާ ހިތްވަރެކެވެ. " އޭސީސީން ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ ވޯޓު ދިނުމުގެ ހައްގު ހެޔޮގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް