ބަރުލަމާނީ އަކީ ކިހިނެތްވާ ކޯއްޗެއްކަން 2000 މީހުންނަށް ކިޔައިދެވުނަސް ލޮނުލައިގެން ބަތެއް ނުކާނަން: ތަޖޫބެ

ބަރުލަމާނީ އަކީ ކިހިނެތްވާ ކޯއްޗެއްކަން 2000 މީހުންނަށް ކިޔައިދެވުނަސް 'ލޮނުލައިގެން ބަތް ނުކާނެ' ކަމަށް އަހުމަދު ޝާޒް (ތަޖޫބެ) ބުނެފިއެވެ. ބަރުލަމާނީ ނިޒާމަށް ނުރުހުން ފާޅުކޮށް ތަޖޫބެ ބުނީ، ކުރީގެ ރަ...

24 Sep 2023 | 11:50

ބަރުލަމާނީ އަކީ ކިހިނެތްވާ ކޯއްޗެއްކަން 2000 މީހުންނަށް ކިޔައިދެވުނަސް 'ލޮނުލައިގެން ބަތް ނުކާނެ' ކަމަށް އަހުމަދު ޝާޒް (ތަޖޫބެ) ބުނެފިއެވެ.

ބަރުލަމާނީ ނިޒާމަށް ނުރުހުން ފާޅުކޮށް ތަޖޫބެ ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ އިރަށް ބަރުލަމާނީ ވޯޓު ނަގަން ނުޖެހޭ ކަމަށެވެ.

"މުޅި ރާއްޖޭގައި ތިބި ޕީ އެޗް ޑީ ހޯލްޑަރުންނާއިވެސް އެކުގައެވެ. މުޅި އާބާދީގެ ދެހާސް މީހުނަށްވެސް މީ ކިހިނެއްވާ ކޮންއެއްޗެއްކަން ކިޔައި ދެވިއްޖެއްޔާ މަ ލޮނުލައިގެން ބަތެއް ނުކާނަމެވެ.ދެން ހަމަ އޭނަ ބުނީމަ މީނަ ބުނީމަ ވޯޓް ލާންވީތަ?" ތަޖޫބެ ބުންޏެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ކުއްލި ގޮތަކަށް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ  ކޮންމެ ގޮތަކަށް ނުކުތަސް ނިޒާމީ ވޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނިޒާމީ ވޯޓު ނެގުމަށް ގަރާރެއް ފާސްކޮށް، މަޖިލީހުން ވަނީ އެ ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައެވެ. އެހެންކަމުން ނިޒާމީ ވޯޓު ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަން އޮޅުންފިލުވައިދޭން އީސީއިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރު ކޮމިޝަނަށް ލިބި، މި ގަރާރާ މެދު، ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ ހޯދާފައިވާ ކަމަށެވެ.

“އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައި” ހަބީބް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، އަންނަ މަހުގެ 30 ވަނަ ދުވަހު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން އީސީއަށް އެންގުމަށް ނިންމައި، އެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ ބުދަ ދުވަހުއެވެ.

ނިޒާމީ ވޯޓު ނަގަން މަޖިލީހަށް ގަރާރު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވާ، ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެ އިސްލާހާއެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކުގައެވެ.

އެއާއެކު، ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

މިގެ ކުރިން އީސީއިން ބުނެފައި ވަނީ، ނިޒާމީ ވޯޓެއް ނަގާނަމަ އެ އިންތިހާބަކަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ހަބީބް ވިދާޅުވީ، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެ ކަމަށެވެ.

" އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް” ހަބީބް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް