މިދިޔަ މަހު ފެމެލީ ކޯޓުގައި 171 ކައިވެންޏާއި 132 ވަރި ކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ވަރި ކުރުމަށް އެދި އެ ކޯޓަށް 32 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ވަރިވުމަށް އެދި 83 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވަރިއާމެދު ޝައްކު އުފެދިގެން ދެ މައްސަލައެއް ހުށަހަޅާފައި ވާއިރު، ވަރި ސާބިތު ކުރުމަށް 67 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އޭގެ އިތުރުން، ސުލްލަ ކުރުމުގެ މައްސަލައަކާއި ވަލީ ހޯދުމުގެ މައްސަލައެއް މިދިޔަ މަހު އެ ކޯޓަށް ހުށަހަޅާފައިވެއެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 19 އިންސައްތަ އަކީ ދުވަހަކުވެސް ކައިވެނި ކޮށްފައި ނުވާ މީހުންނެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއްކުރެވިގެން ދިޔައިރު، ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ15 އަހަރުން މަތީގެ69 އިންސައްތަ އަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. އަދި9 އިންސައްތަ އަކީ ވަރިވެފައިވާ އާބާދީއެވެ.
ބޯހިމެނުމުން ދައްކާ ގޮތުގައި15 އަހަރުން މަތީގެ އާބާދީގެ19 އިންސައްތަ މީހުން ދުވަހަކުވެސް ކައިވެނި ކޮށްފައެއް ނުވެއެވެ. އަދި3 އިންސައްތަ އަކީ ހުވަފަތް ވެފައިވާ މީހުންނެވެ.
ދިވެހި އަންހެނުން އެވްރެޖްކޮށް ކައިވެނި ކުރާ އުމުރަކީ20 އަހަރެވެ. އަންހެނުންނާ އަޅާ ބަލާއިރު ފިރިހެނުން ކައިވެނި ކުރާ އުމުރު ފަސް ކަމަށް ބޯހިމެނުމުން ދައްކައެވެ. އެގޮތުުން ފިރިހެނުން އެވްރެޖްކޮށް ކައިވެނި ކުރަނީ24 އަހަރުން ކަމަށް ބޯހިމެނުމުން ދައްކައެވެ.
މިހާރު ދިވެހި ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ515،132 އެވެ. އޭގެ ތެރޭގައި ހިމެނެނީ 382،639 ދިވެހިންނެވެ. އެއީ188،077 އަންހެނުންނާއި 194،562 ފިރިހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް