ޖޭޕީގެ މެމްބަރުން ހަމަ ހަގީގަތުގައިވެސް ހަރާންކޯރުވުން ބޮޑީ ހެއްޔެވެ؟

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެނޑިޑޭޓުން ވާދަ ކުރެއްވި އިރު، ދެވަނަ ބުރަށް ގޮސްފައި ވަނީ ދެ ކެނޑިޑޭޓުންނެވެ. އެހިސާބުން ގިނަ ބަޔަކު ބަލަން ބޭނުންވީ، ނާކާމިޔާބުވި ޕާޓީތަކާއި ކެނޑިޑޭޓުންގެ...

24 Sep 2023 | 09:38

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެނޑިޑޭޓުން ވާދަ ކުރެއްވި އިރު، ދެވަނަ ބުރަށް ގޮސްފައި ވަނީ ދެ ކެނޑިޑޭޓުންނެވެ. އެހިސާބުން ގިނަ ބަޔަކު ބަލަން ބޭނުންވީ، ނާކާމިޔާބުވި ޕާޓީތަކާއި ކެނޑިޑޭޓުންގެ ނިންމުމަކީ ކޮބައިކަމެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

ފުރަތަމަ ބުރަށްފަހު އެންމެ އަވަހަށް ގޮތެއް ކަނޑައެޅީ އަދި ބަޔަކާ ގުޅެން ނިންމި ހަމައެކަނި ޕާޓީއަކީ އެމްއެންޕީއެވެ. އެ ޕާޓީން ހިޔާރު ކުރީ އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނާ ގުޅޭށެވެ.

އަމިއްލަ ގޮތުން ވާދަ ކުރެއްވި ތިން ކެނޑިޑޭޓުން ކަމުގައިވާ ހަސަން ޒަމީލްއާއި އުމަރު ނަސީރު އަދި އަހުމަދު ފާރިސް މައުމޫނު ނިންމެވީ އެއްވެސް ކޮޅަކަށް ތާއީދު ނުކޮށް ތިބޭށެވެ. ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނިންމުމަކީވެސް އެއީއެވެ. ވަކި ކޮޅަކަށް ތާއީދު ނުކުރުމެވެ.

ނަމަވެސް އޭގެ ތެރެއިންވެސް ފާޅުގައި ލީޑަރޝިޕްގެ ބޭފުޅުން ވަކި ކޮޅަކަށް ތާއީދު ކޮށްފައި ވަނީ ޖޭޕީގެ ލީޑަރުން އެކަންޏެވެ. އެ ޕާޓީން، ލީޑަރު ގާސިމް އިބްރާހިމް ތާއީދު ނުކުރާކަން އެކަންޏެވެ.

ޑިމޮކްރެޓްސްއާއި އަމިއްލަ ކެނޑިޑޭޓުންނަށް ތާއީދުކޮށް، އެމީހުންގެ ކަންކަން ލީޑްކުރަން ވެސް ބަޔަކު އުޅުނެވެ. ނަމަވެސް ވަކި ބައެއްގެ ފަހަތަށް ނޭރުމަށް ނިންމި ނިންމުމާއެކު އެހެން ލީޑަރޝިޕްތަކުން ވަކި ބައެއްގެ ކޮޅަށް އަރާފައެއް ނުވެއެވެ. ޖޭޕީ ފިޔަވައެވެ.

މިހާތަނުން އުފެދޭ ސުވާލަކީ، ޖޭޕީގެ ލީޑަރޝިޕުން ހަގީގަތުގައިވެސް ގާސިމަށް ވަފާތެރި ނުވަނީ ބާވައެވެ. ނުވަތަ ޖޭޕީގެ ނާކާމިޔާބުގެ އަސްލަކީ އެއީބާވައެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ގާސިމް ވިދާޅުވެފައި ވަނީ، ޖޭޕީއިން ވަކި ކޮޅަކަށް ނުޖެހުނު ނަމަވެސް، އެމީހަކު ތާއީދު ކުރާ ޕާޓީއަކާ ގުޅުމުގެ އިހުތިޔާރު މެމްބަރުންނަށް އޮންނާނެ ކަމަށެވެ. އެ އިހުތިޔާރު އެހެން ކެނޑިޑޭޓުންގެ ލީޑަރޝިޕަށްވެސް އޮންނާނެތާއެވެ. ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްއަށްވެސް އެގޮތަށް އެކަން ކުރެވުނީސް ތާއެވެ. ޑިމޮކްރެޓްސްގެ ވޯޓު ޖޭޕީއަށްވުރެ ގިނައެވެ. ނަމަވެސް ޖޭޕީ ފިޔަވައި ލީޑަރުގެ ނިންމުމާ ދެކޮޅަށް ނުކުތް އެހެން ލީޑަރޝިޕެއް ނެތެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ޑރ. އަބްދުﷲ ޖިހާދާއި، ޑރ. އިރުތިޝާމް އާދަމް އާއި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣްނީގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ވަނީ ރޭ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

އަދި ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އާއެކު ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ރޭ ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ގާސިމް ވިދާޅުވެފައި ވަނީ، މި އިންތިހާބުގައި ވޯޓު މަދުވީ ތާއީދު ނެތުމުންކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބަކީ ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކުރާތީ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީ ސަރުކާރާއި ޕީޕީއެމް ސަރުކާރުވެސް ހިމެނޭ ކަމަށެވެ.

“އެއީ ތާއީދު ނެތީމަ ނޫންތޯ (ވޯޓު މަދުވީ).މި ދެންނެވިހެން ވާތީ. އެކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތް ކޮށްދޭތީ. ކީއްކުރަންތޯ މަގޭ އިއްޒަތުއް ނަފްސު ނަގާލަން” ގާސިމް އޭރު ވިދާޅުވިއެވެ.

ނަމަވެސް ގާސިމްގެ އެންމެ އަރިސް ބޭފުޅުންނާއި ލީޑަރޝިޕުން، ގާސިމް ތާއީދު ނުކުރާ ބަޔަކާ އެކުވުމުން، ގާސިމް އެ އެ ވިދާޅުވާ 'އިއްޒަތުއް ނަފްސު' ރައްކާތެރިއެއް ނުވިތާއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، އާއްމުން އަބަދުވެސް ދައްކާ އެއް ވާހަކައެކެވެ. އެއީ ތެދެއް ބާވައެވެ. ގާސިމްގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހަމަ 'ހަރާންކޯރުވުން' ބޮޑީ ހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް