މާލޭގައި އުޅޭތާ 20 އަހަރުވީ މީހުން ދޭ ގޯއްޗާއި ފްލެޓްގެ މައުލޫމާތު ސާފުކުރާ ކޯލްސެންޓަރެއް ގާއިމުކޮށްފި

މާލޭގައި އުޅޭތާ 20 އަހަރުވީ މީހުން ދޭ ގޯއްޗާއި ފްލެޓްގެ މައުލޫމާތު ސާފުކުރާ ކޯލްސެންޓަރެއް ގާއިމުކޮށްފިއެވެ. ހައުސިންގް މިނިސްޓްރީން ބުނީ، "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމ...

24 Sep 2023 | 09:04

މާލޭގައި އުޅޭތާ 20 އަހަރުވީ މީހުން ދޭ ގޯއްޗާއި ފްލެޓްގެ މައުލޫމާތު ސާފުކުރާ ކޯލްސެންޓަރެއް ގާއިމުކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީން ބުނީ، "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށްޓަކައި، އެކަމަށް ހާއްސަކޮށްގެން ގާއިމު ކޮށްފައިވާ ކޯލްސެންޓަރަށް ގުޅައި، މައުލޫމާތު ހޯދަން އެދޭ ކަމަށެވެ.

މައުލޫމާތު ސާފު ކުރުމަށް ގުޅާނެ ހަތަރު ނަންބަރެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެއީ:-

  • 3031226
  • ·        3031227
  • ·        3031225
  • ·        3031221

މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލީ މިއަދުއެވެ.

ހައުސިންގް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، “ގެދޮރުވެރިން” މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން، ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ މީހުންނަށް “ގެދޮރުވެރިން ޕޯޓަލް” https://gedhoruverin.gov.mv/ މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދމިއަދުން ފެށިގެން، އަންނަ މަހުގެ 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

މި ސްކީމުގެ ދަށުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް