ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި ސަޕޯޓަރު އަދި ޑިމޮކްރެޓްސްގެ އެކްޓިވިސްޓު ހުސެން މަނިކު (ބަނބުކެޔޮ ހުސައިން މަނިކު)، ޕީއެންސީރގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އޭނާ ވަނީ ރޭ އާޓިފިޝަލް ބީޗްގައި އޮތް ހަރަކާތެއްގެ ތެރެއިން ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި، ތާއީދު ކުރާކަން ހާމަ ކޮށްފައެވެ.
ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރރުމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ، ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލްގެ ނިންމާފައިވަ ގޮތުގެމަތިން، އެ ޕާޓީން ބޭނުންވާ ގޮތަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އަދި އެމްޑީޕީއިންވެސް އެއްބަސްވެފައި ނުވާތީ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާށެވެ. އަދި އެކަމާ ގުޅޭގޮތުން ވަނީ ޕާޓީތަކާ މަޝްވަރާ ކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ކަމަށާއި ނަމަވެސް އެގޮތް ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފިައެވެ.
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ގިނަ އެކްޓިވިސްޓުން ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރަން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު، ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާ ކުރައްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، އެކުގައި ކުރިއަށް ދެވިދާނެ ގޮތަކާމެދު ނަޝިދުއާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް މި މަހުގެ ތެރޭގައި ނެގުމަށް އެ ޕާޓީން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެފަދަ ވޯޓެއް ނެގުމަކީ އެހަ ‘ޕްރެކްޓިކަލް’ ކަމެއް ނޫން ކަމަށް ނަޝީދަށް ދަންނަވާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިންތިހާބުގެ ދެވަނަ ބުރަށްފަހު، ނިޒާމީ ވޯޓެއް ނަގާނެ ދުވަސް ކަނޑައަޅާނެ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނޮވެމްބަރު17 ގެ ކުރިން ނިޒާމާ ބެހޭ ވޯޓު ނަންގަވާނެ ކަމަށް ނަޝީދު އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް