މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ނިންމަވައިފިއެވެ.
ޖޭޕީގެ އެސްޖީ ކަމަށް އާރިފް އައްޔަނު ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އަދި އިސްތިއުފާ ދެއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ އެ ޕާޓީން ބޭއްވި، އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުގައެވެ. އަދި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ ގާސިމްގެ ރުހުމާއިއެކުގައިކަންވެސް ދުވަހަށް އެނގިފައިވެއެވެ.
އަލީ އާރިފަކީ ޑރ. މުއިއްޒުއާއި އާއިލީގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.
އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ޕާޓީގެ ނަން ބޭނުން ނުކޮށް، މެމްބަރުން ބޭނުންވާ މީހަކަށް ތާއީދު ކުރެވޭނެ ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުފައިވެއެވެ.
އެހެންކަމުން ޖޭޕީގެ މެމްބަރުން ވަނީ ޕީޕީއެމްއަށާއި އެމްޑީޕީއަށް ދާން ބޭނުންވާ މީހުން އެ ދެ ޕާޓީއަށް 'ބެހިފަ'އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ޑރ. ޖިހާދާއި، ޑރ. އިރުތިޝާމް އާދަމް އާއި ހަސަން މުޣްނީގެ އިތުރުން ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ރޭ ވަނީ ޕީޕީއެމް އާއި ގުޅިފައެވެ.
އަދި މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އާއެކު ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ރޭ ރައީސް ސޯލިހަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް