ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ބައިވެރިވެވަޑައިގެންނެވި އެއް ހަރަކާތަކީ 'އަޕްޓުމަދަ' ގެ ފަރާތުން ކުރިއަށް ގެންދިޔަ އިވެންޓެކެވެ.
މި އިވެންޓުގައި ކުޅިވަރުތައް ކުރިއަށް ގެންދިޔަ އިރު، ސްޓޯލްތަކުގައި ގޭމްތަކާއި ވިއްކާ އެއްޗެހި ހުއްޓެވެ. މި ހަރަކާތަށް ވަޑައިގަންނަވައި ޑރ. މުއިއްޒު ވަނީ ސްޓޯލްތަކުން ޝޮޕިންކުރައްވައި، ގޭމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން އެ ހަރަކާތް ކުރިއަށް ދިޔަ އާޓިފިޝަލް ބީޗަށް ވަޑައިގަންނަވައި މުއިއްޒު ވަނީ އެތަނުގައި ސަޕޯޓަރުންނާއެކު ފޮޓޯ ނަންގަވާފައެވެ. އެއަށްފަހު ސްޓޯލްތަކަށް ޒިޔާރަތް ކުރެއްވިއެވެ.
މުއިއްޒުގެ އާއެކު އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވި މި ހަރަކާތުގައި، އެންމެ ފުރަތަމަ ޖެހުނު ސްޓޯލުންވެސް ދެކަނބަލުން ވަނީ ތަކެތި ބައްލަވައިގަނެފައެވެ. އެ ސްޓޯލްގައި ކުކީސް ވިއްކަން ހުރިއިރު، ދެކަނބަލުން ވަނީ ކުކީސް ބައްލައިގަނެފައެވެ.
ބެލެވޭ ގޮތުގައި ސާޖިދާ ވަޑައިގެންނެވީ ރުފިޔާ ހިއްޕަވައިގެނެއް ނޫނެވެ. އެހެންކަމުން އަރިހުގައި ވަޑައިގެންނެވި އެހެން ކަނބަލެއްގެ އެހީއާއެކު ސާޖިދާ ވަނީ ކުކީސްގެ އަގު ދައްކަވާފައެވެ.
އޭގެ ފަހުން ވަޑައިގެންނެވި ސްޓޯލަކުންވެސް މުއިއްޒު ވަނީ ފޮނި ކާއެއްޗެއް ބައްލަވައިގަނެފައެވެ. އަދި އޭގެ އެއްބައިން ރަހަ ބެއްލެވުމަށްފަހު، އަނެއްބައި އަނބިކަނބަލުން އަތަށް ދެއްވިއެވެ. އެއަށްފަހު ތިންވަނަ ސްޓޯލަކުންވެސް ދެކަނބަލުން ކާއެއްޗެއް ބައްލައިގަތެވެ.
އެއަށްފަހު މުއިއްޒުއަށް އަރާ ހަމަކުރެވުނީ ގޭމް ސްޓޯލަކަށެވެ. އެ ސްޓޯލުގައި ތިން ބަރިއަށް ދަޅުތަކެއް ބަހައްޓާފައި ވާއިރު، ކުޑަ ބޯޅައަކުން ޖަހައި އެ ދަޅުތައް ވައްޓާލަން ޖެހެއެވެ. މުއިއްޒު ވަނީ އެ ގޭމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ގޭމް ފުރިހަމަ ކުރެއްވުމުން މުއިއްޒުއަށް ހަދިޔާވެސް ލިބިވަޑައިގަތެވެ.
މުއިއްޒު ބައްލަވައިގެން ތަކެތީގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ޓީޝާޓެކެވެ. އެގޮތުން ޓީޝާޓް ވިއްކާ ސްޓޯލަކަށް ދެވުމުން މުއިއްޒުގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ޓީޝާޓްތައް ބެލުމަށްފަހު ޓީޝާޓެއް ބައްލަވައިގަނެފައެވެ.
އިވެންޓް ނިންމާލުމަށްޓަކައި، އެ އިވެންޓުގައި ކުރިއަށް ގެންދިޔަ އެކު ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްދިނުމަށް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް