ޖޭޕީގެ މެމްބަރުން އައުމާއެކު، އިންތިހާބު ކާމިޔާބު ކުރެވޭނެ އުންމީދު އާވެއްޖެ: ރައީސް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރޝިޕްގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅުމާއެކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ އުންމީދު އާވެއްޖެ ކަމަށް ރައީސްރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދ...

23 Sep 2023 | 20:21

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރޝިޕްގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅުމާއެކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ އުންމީދު އާވެއްޖެ ކަމަށް ރައީސްރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ރޭ ސޯސަން ޖަގަހަ ޖަލްސާގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރޝުން އެމްޑީޕީއާ ގުޅުނު މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަފާއެވެ.

"މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގާ ދެކެނީ، އަޅުގަނޑުމެންނާ، މި ކެމްޕޭނާ އަލަށް ގުޅިވަޑައިގެންނެވި އޮނަރަބަލް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްއާއި އަދި އެކުގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރޭ އެމްޑީޕީއާ ގުޅުނު މެމްބަރުންގެ ތެރެއިން ފެނިވަޑައިގަންނަވަނީ އާ މޫނުތަކެއް ކަމަށެވެ. އަލަށް ގުޅުނު މެމްބަރުންނަކީ މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ އަނިޔާވެރި ވެރިކަން ބަދަލުކޮށް، ޖަވާބުދާރީ ކުރުމަށްޓަކައި ކުރި މަސައްކަތުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވި ވަރަށް ގިނަ ބޭފުޅުން ރޭގެ ޖަލްސާގައި ބައިވެރިވަޑާއިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ހާއްސަކޮށް 'މޭޑޭ' ހަރަކާތަށް ތައްޔާރުވި އިރު، މަގުމަތީގައި ކުރި މުޒާހަރާތަކާއި އެއްވުންތަކުގައި ޝުއޫރު ފާޅުކޮށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން ހިމެނޭ ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުން އެމްޑީޕީއާ ގުޅިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އާއެކު ޖޭޕީގެ އިސް ސަފުން ފެނިގެންދިޔަ ގިނަ ބަޔަކު ރޭ ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

އެގޮތުން ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ޑރ. އަމީންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި އިތުރު ބައެއް ފަރާތްތައް ވަނީ އެ ޖަލްސާގައި ބައިވެރިވެ ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.

ރޭ ޑރ. އަމީންގެ އިތުރުން ގިނަ ބަޔަކު އެކަން ހާމަކޮށްފައިވާއިރު ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދާއި ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

މި ފަރާތްތަކުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށެވެ. އަދި އާންމު މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް