މި ސަރުކާރުން ތަރައްގީ ކުރަމުންދާ ހަތަރު ވިޔަފާޜި ބަނދަރުގެ މަސައްކަތް ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އޮތީ މިރޭ ހެންވޭރު ދަނޑުގައި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީ ކުރަމުންދާ ވިޔަފާރި ބަނދަރުތަކަކީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމާއި ކުޅުއްދުއްޓާއި ހިތަދޫ ވިޔަފާރި ބަނދަރު ތަރައްގީ ކުރުން ކަމަށެވެ. ރައީސް ވިދާޅުވީ ގދ. ތިނަދޫގައިވެސް ސަރަހައްދީ ބަނދަރެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށެވެ. އަދި ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭ ވަރަށް ކަމަށް ވިދާޅުވި އެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫޢު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އިން ތައްޔާރުވަމުންދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މިގެ އިތުރުންވެސް މި ބަނދަރުތައް ތަރައްޤީކުރުމުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވާނެކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވިޔަފާރި ބަނދަރުތަކަކީ ޤައުމެއްގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ "ލޯންގް ސާވިސް އެވޯޑްސް" އެމް.ޕީ.އެލްގެ 12 މުވައްޒަފަކަށް ޙަވާލުކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް