ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަސްރޫއަކީ މާލެއިން ބޭރު ސަރަހަދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލު ކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޑަކްޓްސް އާއި އެކު މާދަމާ އެއްބަސްވުމުގައި ސޮއި ކުރަން ހަމަޖެހިފައި ވަނިކޮށެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއިން ބޭރުގައި ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓުގެ އިތުރުން ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފެންނަން ހުރި ހަޤީޤަތަކީ, ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްޤީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް ކަަމަށެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުންނެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އުތުރާއި ހާއްސަކޮށް ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. މިގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް މަޝްރޫޢެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ. އަދި 2024 ގައި މަޝްރޫޢު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް