އިންޑިއާގައި 5 ޖީ އިންޓަނެޓްގެ ހިދުމަތް ދޭން ތައްޔާރު ވެއްޖެ އެވެ.
އެ ގައުމުގެ ޑިޕާޓްމެންޓު އޮފް ޓެލެކޮމް އާއި ހަވާލާ ދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަސްމީކޮށް މި ހިދުމަތް ފަށާނީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެ ގައުމުގައި ފަށާ އިންޑިއާ މޮބައިލް ކޮންގްރެސްގައި އެވެ. ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
ހައި ސްޕީޑު5ޖީ އިންޓަނެޓްގެ ހިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ 13 ސިޓީއެއްގައި އެވެ. އެއީ ހައިދަރުއާބާދު، ޗެންނާއީ، ޗަންދީގަރު، ދިއްލީ، މުމްބާއީ، ޕޫނޭ، ގުރޫގްރަމް، ޖަމްނަގަރް، ގާންދީ ނަގަރް، ލަކްނޯ އަދި ކަލްކަތާގެ އިތުރުން ބެންގަލޫރޫގައި އެވެ.
މިދިޔަ ހަފްތާގައި އެ ގައުމުގައި ވަނީ 5ޖީ ގެ ރޭޑިއޭޝަން ޓެސްޓުކޮށްފައި އެވެ. އިންޑިއާގެ ޓެލެކޮމް މިނިސްޓަރު އަޝްވިނީ ވައިޝްނައު އެ ޓެސްޓުތަކަށް ފަހު ވިދާޅުވެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބަލާ މިން ގަނޑަށްވުރެ ރޭޑިއަން ލެވެލް ހުރީ ދަށްކޮށް ކަމަށެވެ.
އިންޑިއާގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 5ޖީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރު ޓެކްނޮލޮޖީތައް ތައާރަފު ކުރުމަށް ހާއްސަކޮށް ޗެންނާއީގައި ހުންނަ އައިއައިޓީ މެޑްރާސްގައި ވަނީ 5ޖީ ލެބެއް ގާއިމްކޮށްފައި އެވެ.
5ޖީގެ ހިދުމަތް އިންޑިއާގައި ފެށުމަށް 2.5 ލައްކަ އާއި ތިން ކްރޯޑު ރުޕީސް އާއި ދެމެދުގެ އަދަދެއް އިންވެސްޓުކޮށްފައިވެ އެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކެއް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޓެލެކޮމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް ދެ ތިން އަހަރެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސަރަހައްދަކަށް 5ޖީ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް