ވ. އާރަށުގެ މައްސަލަ: ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި

ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ. ކްރިމިނަލް ކޯޓުގައި ބާއްވާ މި އަޑުއެހުން ތާވަލުކޮށ...

24 Sep 2022 | 11:10

ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ބާއްވާ މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

މި މައްސަލއިގާ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ރައީސް ޔާމީނުގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންވެ، މާދަމާގެ އަޑުއެހުމުގައި ވެސް އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެއްގެ ހެކިބަސްނެގުމެވެ.

މިމައްސަލާގައި މިހާތަނަށް ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅައި، ހެކިބަސް ނަގާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު ރަޝީދުގެ އެވެ.

މިމަހު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ، ޔާމީން ހަވާލުކުރެއްވި ފައިސާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ހަވާލުކުރެއްވުމަށް އޭނާ އާ އެކު އަބްދުﷲ ރަޝީދު ދިޔަ ކަމަށް ހެކިބަސް ދީފަ އެވެ. އެދުވަހުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެ، އަބްދުﷲ ރަޝީދު ބުނީ، ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ދިޔައިރު، އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ދެ ދަބަހެއްގައި އެ ފައިސާ ހުރިކަމަށެވެ.

އޭނާ ބުނި ގޮތުގައި، އޭނާ އަކީ ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކެވެ. އެ ފައިސާ ހަވާލުކުރުމުން، ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ވަގުތުން ސޮއިކުރެއްވި ކަމަށެވެ. އެ ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި، އެ ފައިސާ އުފުލީ ނަރީޝް އާ އެއްކޮށް ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވި ކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފައެވެ.

ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށެވެ.

ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝަހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް