ބޮލީވުޑް އަދި އިންޑިއާ ސިނަމާގައި އެންމެ މަގުބޫލު ފިރިހެން ހަށިގަނޑުތަކުގެ ތެރޭގައި އާމިރު ހާން ހިމެނެ އެވެ.
އާމިރު ހާން މިސާލުގެ ގޮތުގައި ނަގައިން ހަށިގަނޑު ރީތި ކުރަން މަސައްކަތް ކުރާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުޅެ އެވެ. ހާއްސަކޮށް 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދަންގާލް" އަށް އޭނާ ފަލަވުމަށް ފަހު ހަށިގަނޑު ހިއްކާލި ގޮތަކީ މަޝްހޫރު ވާހަކައެކެވެ.
އެޑައިޓާއި އެކްސައިޒްތައް ފޮލޯ ކުރި މީހުންގެ ތެރޭގައި ފިލްމީ ތަރިން ހިމެނޭއިރު ޕާކިސްތާނުގެ މަޝްހޫރު ތަރި ފަވާދު ހާނަކީ އޭގެ ތެރެއިން އެކަކެވެ. ކުރިން ބޮލީވުޑްގައި މަސައްކަތް ކުރި ފަވާދު އިންޑިއާ ދޫކޮށް ދާން ޖެހުނީ ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ޕާކިސްތާނު މީހުންނަށް ޓޫރިސްޓު ވިސާގައި އެކަނި އިންޑިއާއަށް އެތެރެވޭ ގޮތް ހެދުމުން މަސައްކަތް ކުރުމުގެ މަގު ބަންދު ވެގެންނެވެ.
ފަވާދު ދާދި ފަހުން މީޑިއާގައި ބުނީ އާމިރު ހާން ފިލްމެއް ކުޅެލަން ހަށިގަނޑަށް ގެނައި ބަދަލު ގެންނަން އޭނާވެސް މަސައްކަތް ކުރި ކަމަށެވެ. އެއީ އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޕާކިސްތާނު ފިލްމު "ދި ލެޖެންޑް އޮފް މައުލާ ޖެޓް" އަށެވެ.
ކުޑައިރުންސުރެ ހަކުރު ބަލި ހުންނަ ފަވާދު އެކަމާއި ގުޅޭގޮތުން ބުނީ އާމިރުގެ އެކްސަސައިތައް ކުރަން ފެށުމުން އޭނާގެ ކިޑްނީ މަސައްކަތް ކުރުން ހުއްޓިގެން 10 ދުވަސް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ކަމަށެވެ. އެހެންވެ ދެން ފަލަވާން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުންޏެވެ.
އާމިރު ހާން "ދަންގާލް" ކުޅެން 100 ކިލޯއަށް ބަރުވި އެވެ.
އެކަމާއި ގުޅިގެން ފިލްމުގެ ޝޫޓިން ހިނގަމުން ދަނިކޮށް ސިއްހީ މައްސަލަތަކެއް ދިމާވެ އޭނާ އެޑްމިޓް ކުރަން ޖެހުނެވެ. އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން ނެތިގެން ފިލްމުގެ ނުނިމި ހުރި މަސައްކަތް ރަންވީރު ސިންގ ނުވަތަ ރަންބީރު ކަޕޫރާއި ހަވާލު ކުރަން އުޅުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފަވާދު ބޮލީވުޑްގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އޭ ދިލް ހޭ މުޝްކިލް" އާއި "ހޫބްސޫރަތް" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް