ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޑަކްޓްސް އާއި އެކު މާދަމާ އެއްބަސްވުމުގެ ސޮއި ކުރަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު މާލޭގައި ކަމަށެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރާއި ދައުލަތުގެ އިސް އޮފިޝަލުންނާއި ޝެއާހޯލްޑަރުން ބައިވެރިވެވަޑައިގެންނަވާނެ އެވެ.
އިކޮނޮމިކް މިނިސްޓްރްރން ބުނީ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ136.6 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުންނެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އުތުރާއި ހާއްސަކޮށް ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. މިގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް މަޝްރޫޢެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ. އަދި 2024 ގައި މަޝްރޫޢު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް