ސްޕެއިންގެ ބާސެލޯނާ ކޯޗު ރޮނަލްޑް ކޫމަން ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ކޫމަން ދެ މެޗަށް ސަސްޕެންޑް ކުރިއިރު، އޭނާ އަށް މި ސަސްޕެންސަން އައިސްފައިވަނީ އެންމެ ފަހުން ލީގުގައި ބާސެލޯނާއާއި ކާޑިޒް ބައްދަލު ކުރި މެޗުގެ 64 ވަނަ މިނެޓުގައި ބާސާގެ ފްރެންކް ޑިޔޮންއަށް ރެފްރީ ދެއްކި ރަތްކާޑާއި ގުޅިގެން މެޗު ރެފްރީއާއި ހަޑިހުތުރު ބަހުން ޒުވާބު ކުރުމުގެ ސަބަބުންނެވެ.
އެ މެޗުގައި ކޫމަންގެ ރުޅިގަނޑު ފަޅައިގެން ޒުވާބާއި ހަމައަށް ދިޔައީ ކާޑިޒްއާއި ދެކޮޅަށް ބާސާ ކުޅެ 0-0 އިން އެއްވަރުވި މެޗުގެ 64 ވަނަ މިނެޓުގައި ބާސާގެ ސެންޓަރަލް މިޑްފީލްޑަރ ފްރެންކް ޑިޔޮން ކާޑިޒްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެވަ ރީނދޫކާޑާއި އެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.
ކޫމަން ބުނީ ޑިޔޮންއަށް ދެއްކި ރަތް ކާޑަކީ އެއްވެސް ތާކުން ތާކު ޖެހޭ ކާޑެއް ނޫން ކަމަށާއި އެއީ ރެފްރީ ގަސްތުގައި ޓީމަށް ދިން އަނިޔާއެއް ކަމަށެވެ. އަދި ރެފްރީގެ މި ނާއިންސާފު ކާޑުގެ ސަސަބުން ބާސާ މެޗުން މޮޅުވުމަށް ހުރަސް އެޅިގެން ދިޔަ ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.
"ރެފްރީގެ ނިންމުން ވަރަށް ގޯސް. އެއީ ރީނދޫ ކާޑެއްވެސް އަދި ރަތް ކާޑެއްވެސް ދައްކަން ޖެހޭ ތަނެއް ނޫން. ރެފްރީގެ އެ ނިންމުމުގެ ސަބަބުން ޓީމަށް އެމެޗުގައި މޮޅު ވުމަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފަ." ބާސާ ކޯޗު ކޫމަން ބުންޏެވެ.
ކޫމަންގެ މި ސަސްޕެންސަނާއި ގުޅިގެން ސްޕެނިޝް ލީގުގައި ބާސެލޯނާ ދެން ކުރިޔަށް ކުޅެން އޮތް ދެމެޗު ކަމަށްވާ ލެވަންޓޭ އަދި އެތްލެޓިކޯ މެޑްރިޑް މެޗު ކޫމަން އަށް ގެއްލޭނެއެވެ.
ކޫމަންގެ މި ސަސްޕެންސަނާއި ގުޅިގެން ބާސެލޯނާއިން ވަނީ މިކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މި މައްސަލަ އިސްތުއުނާފު ކުރުމަށް ވެސް ހުށައަޅާފައެވެ.
މިފަހަރުގެ ސީޒަނުގައި ބާސާ މިހާތަނަށް ލީގުގައި ފަސް މެޗު ކުޅުނު އިރު، މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ވަނީ އެއްވަރުވެފައެވެ.
ބާސާ މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ލީގު ތާވަލުގެ ހަތް ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް