ކޮވިޑް 19 ގެ ސަބަބުން ސޯމާލިއާގެ ތަރައްގީއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ: ސޮމާލިއާގެ ރައީސް

ކޮވިޑް 19 ގެ ވެކްސިން އެންމެނަށް ވެސް ފޯރުކޮއްދިނުން މުހިންމު ކަމަށް ސޮމާލިއާގެ ރައީސް އަބްދުﷲ މުހަންމަދު ފަރްމާޖޯ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އ.ދ. ޖެނެރަލް އެސެމްބްލީގެ 76 ވަނަ ސެޝަނަށް ފ...

24 Sep 2021 | 15:47

ކޮވިޑް 19 ގެ ވެކްސިން އެންމެނަށް ވެސް ފޯރުކޮއްދިނުން މުހިންމު ކަމަށް ސޮމާލިއާގެ ރައީސް އަބްދުﷲ މުހަންމަދު ފަރްމާޖޯ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އ.ދ. ޖެނެރަލް އެސެމްބްލީގެ 76 ވަނަ ސެޝަނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ރިކޯޑް ކުރެވިފައިވާ މި ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން އެގައުމުގެ އިޤްތިސާދަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އެމަނިކުފާނު ވަނީ ދައްކަވާފަ އެވެ. އަދި މިކަމުގެ ހައްލެއްގެ ގޮތުގައި ސޮމާލިއާގެ ތަރައްގީއަށް ކުރަންހުރި ގިނަގުނަ ކަންތަކާއި އެކަންތަކަށް ބޭނުންވާނެ މާލީ އެހީތަކުގެ ވާހަކަ ވެސް ވަނީ ދައްކަވާފަ އެވެ.

މީގެ އިތުރުން އިޤްތިސާދަށް ގެންނަން ޖެހޭ ބަދަލުތަކާއި މިކަންކަމުގެ ސަބަބުން އެ ގައުމުގެ ހާލަތު ރަނގަޅުވުމަށް މަގުފަހި ކުރެވޭނެ ގޮތްތަކުގެ ވާހަކަ ވެސް ވަނީ ދައްކަވާފަ އެވެ.

ކޮވިޑު ބަލިމަޑު ކަމުގެ ފަހަތުން އަރައިގަނެ އައު ހިތްވަރަކާއި އުންމީދާއި އެކު ދުނިޔެ އާރާސްތު ކުރުމުގެ ތީމްގެ ދަށުން އެންމެ ފަހުގެ އ.ދ. ޖެނެރަލް އެސެންމްބްލީ ބޭއްވިގެންދާ އިރު، ރައީސް މުހަންމަދު ވިދާޅުވީ ދުނިޔޭގެ އެންމެންގެ މެދުގައިވެސް މިއީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

އެހެންނަމަވެސް ހުރިހާ ޤައުމެއްގެ އެއްބާރުލުމާއި ލައިގެން މިކަމުން އަރައިގަނެވޭނެ ކަމުގަބޫލު ކުރެވޭ ކަމަށާއި އެކި ގައުމުތަކުގެ މެދުގައިވާ ފަރަގު ކުޑަކޮށް އެންމެނަށް ވެސް ކޯވިޑް 19 ގެ ވެކްސިން ފޯރުކޮށްދީ، އިންސާނީ ރައްކާތެރިކަން ކަށަވަރު ކޮއްދިނުމަށް އޮތް ހައްލަކީ މިއީ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް މުހަންމަދު ވަނީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމުކަމަށް ވެސް އޭނާގެ ވާހަކަފުޅުގައި އަލި އަޅުވާލާފަ އެވެ.

އެގޮތުން ޖައްވު ހޫނުވުމުގެ ސަބަބުން ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކަވަމުން މިކަންތަކުން އަރައިގަނެ ދުނިޔެ ހިމާޔަތް ކުރުމައްޓަކައި އެންމެން އެއްބާރުލައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް