ލަންކާގެ ޕަރމަނެންޓް ރެޕްރެޒެންޓެޓިވް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާ ސަރުކާރުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނެންޓް ރެޕްރެޒެންޓެޓިވް މޯހަން ޕައިރ...

24 Sep 2021 | 10:13

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާ ސަރުކާރުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނެންޓް ރެޕްރެޒެންޓެޓިވް މޯހަން ޕައިރިސްގެ ދެކަނބަލުން ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ވެސްޓިން ގްރޭންޑް ސެންޓްރަލްގައި ބޭއްވި މި ޚާއްޞަ ފަރިއްކޮޅު ބާއްވާފައި ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިޔުޔޯކަށް މިހާރު ޒިޔާރަތްކުރައްވަމުންދާ ބައެއް ބޭފުޅުންގެ ޝަރަފުގަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާއި، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުންވެސް މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

އޭގެ ތެރޭގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، އިބްރާހީމް ހޫދާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލްގެ ސެކްރެޓެރީ، ފާޠިމަތު މުޙައްމަދު ޞާލިޙާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނެ އެވެ.

މި ފަރިއްކޮޅުގައި، ސްރީލަންކާގެ ރައީސްގެ އަނބިކަނބަލުން އައޯމާ ރާޖަޕަކްސައާއި، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން ރިލޭޝަންސް ޕްރޮފެސަރ ގާމިނީ ލަކްޝްމަން ޕައިރިސްއާއި، ސްރީލަންކާގެ ފޮރިން ސެކްރެޓަރީ އެޑްމިރަލް ޕްރޮފެސްރ ޖަޔަނާތް ކޮލޮމްބަގެއާއި، އިތުރު އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް