ސައީދު ވިދާޅުވަނީ އިންސާފުގެ ދަތުރު އަނިޔާގެ ދަތުރަކަށް ވެއްޖެ ކަމަށް

މިއަދު ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައިވަނީ އަނިޔާގެ ދަތުރު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވި ...

24 Sep 2021 | 09:03

މިއަދު ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައިވަނީ އަނިޔާގެ ދަތުރު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވި އިދިކޮޅު ކޯލިޝންގެ ޖަލްސާއެއްގައި ވާހަކަދައްކަމުން ނެވެ.

ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ދިޔައިރު އަޑުގަދަކޮށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކީ އިންސާފުގެ ދަތުރެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަން ހޯދި ގޮތަކަށް ހޯދުމަށްފަހު ދިވެހި ތަޖުރިބާ ކުރަން ޖެހިފައި މިއޮތީ އަނިޔާގެ ދަތުރު ނޫން ދެން ކޯޗެއްތޯ ސައީދު ސުވާލު ކުރެއްވި އެވެ.

ރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެގޮތުން އިންޑިޔާ ކަނޑުގައި ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖްކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް." ސައީދު ވިދާޅުވި އެވެ.

ދިވެހި ގައުމު މިއަދު މިއޮތީ އަޅުވެތި ކޮށްފައި ކަމަށާއި ގައުމުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އެހެން ބަޔަކަށް ދޫކޮށްލައިފި ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ފަސް އަހަރަކުން ރާއްޖެ އެތައް އަހަރެއްގެ ތަރައްގީ ގެނެސްދެއްވި މިހާރުގެ އިދިކޮޅު ލީޑަރު ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި ރައްޔިތުން ނުކުމެ މިނިވަން ކުރަންޖެހޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް