ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކުވޭތުގެ ބޮޑު ވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ހަވާސާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވަކިން ޚާއްސަގޮތެއްގައި ކުވޭތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާއި ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކުވޭތުގެ ބޮޑުވަޒީރުގެ ވާހަކަ ފުޅުގައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ރާއްޖެއިން ކާމިޔާބު ކޮށްފައިވާތީ މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ކުވޭތުގެ ބޮޑުވަޒީރު ފާހަގަ ކުރެއްވި ގޮތުގައި، ރާއްޖެ އާއި ރާއްޖެެ ފަދަ ކުދިޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.
އ.ދގެ އާންމު މަޖިލީހުގެ ބަހުސްތައް ކުރިއަށްދިޔަގޮތަށް ރިޢާޔަތް ކުރާއިރު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރުގައި އެންމެ އަހަންމިއްޔަތުކަންދޭ މައްސަލައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަބަދުވެސް އޮންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަ ކުރެއްވިގޮތުގައި ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި ދެޤައުމުގެ ރައްޔިތުންގެ މެދުގަޔާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުުވެރިކަން ފާޅުކުރެއްވި އެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޞުލްހައާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްކާތެރިކަމާއި ސުލްހަ ކަށަވަރުކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް އ.ދ. ފަދަ ބައިނަލްއަޤަވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމާބެހޭގޮތުން މަޝްވަރާކުރެވިގެން ދިޔައެވެ.
ކޮވިޑް 19 ގެ ބަލި މަޑުކަމަށްފަހު ކުވޭތުގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވާކަން އުފަލާއެކު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ފަތުރުވެރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ވިހާވެސް ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ކުވޭތުގެ ބޮޑުވަޒީރަށް އެރުއްވި އެވެ.
ހަމަ އެއާއެކު ކުވޭތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މިންވަރު އިތުރުވެގެން ދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ.
ކުވޭތާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވަނީ 1997 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް