ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މާއްދާ އޮތީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގެ 136 ވަނަ އަށެވެ. އެ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ "ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށް ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، ހެއްކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙްގެ ސަބަބުން ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވާ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، މި ދާއިރާއިން ރާއްޖެ ހޯދައިފައިވާ ކާމިޔާބީއާ ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި، ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނަލްއަޤްވާމީ މިންގަޑުތަކަށް ޖެހޭ ގޮންޖެހުމެއް ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.
އެގޮތުން ބްރޯޑްކޮމް އިން ވަނީ މިނިވަން ނޫސްވެރިކަމަށް ހީނަރުކަން އަންނާނެ މި އިސްލާޙް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށާއި މީޑިއާގެ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އަރުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް