ކޮޕް-26 ސަމިޓުގައި ކާބޯ ވަރޑޭއާއި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކާބޯ ވަރޑޭގެ ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށްވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާ، އަދި ދެ ޤައުމަކީ ވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޯވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
އެ ގޮތުން ދެ ބޭފުޅުންވެސް ވަނީ މި ދެ ޤައުމުގެވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާ ކަމަށާއި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލި އަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައި ވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަށް ކާބޯ ވަރޑޭގެ ރައީސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް-26 ސަމިޓުގައި އެ ޤައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ކާބޯ ވަރޑޭއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމުން ދެ ޤައުމުންވެސް ދާދި އެއްކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި، ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ކާބޯ ވަރޑޭގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ތެރޭގައި ހިމެނޭ "ސައުތު- ސައުތު ކޯޕަރޭޝަން" ގެ ޤައުމުތަކުގެ ގުޅުން ފާހަގަކުރައްވައި ކުދި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި ހުރިހާ ޤައުމަކުންވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ދަރަނި ލުއިކޮށްދިނުމާއި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދުމާއި އީ-ކޮމަރސްފަދަ ދާއިރާތަކަކީ 'އެއޯސިސް' ފަދަ ޖަމާޢަތްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކަށް ގެންދިއުން މުހިންމު ދާއިރާތައްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް