ސީއެންއެން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަނީ

ސީއެންއެން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ނިންމާ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. މިއީ ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މ...

24 Sep 2021 | 06:49

ސީއެންއެން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ނިންމާ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.

މިއީ ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލް އާއެކު ވެފައިވާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދެވެ. ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލްގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ އޮފް ސޭލްސް އަބިޖީތް ދަރ އެވެ.

އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސީއެންއެން އާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

" އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓަޖީތައް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ފުރިހަމަ ޚިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް. އެހެންވީމަ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑަށް ފައިދާކުރާނެ. އަދި އޭގެ މަންފާވެސް ލިބޭނެ." ތޮއްޔިބު ވިދާޅުވި އެވެ.

ސެޕްޓެންބަރު މަހުން ޑިސެންބަރުގެ ނިޔަލަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓަކާއި ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކަތައް ވެސް ސީއެންއެން ޓްރެވަލް ގައި ޕަބްލިޝް ކުރާގޮތަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް