ޗީފް ގައިޑް ފަޒްނާ އެމެރިކާގެ ގަރލް ގައިޑްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް ފަޒްނާ އަޙްމަދު، އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މިސް ޖުޑިތް ބެޓީއާއި، އެމެރިކާގެ ގަ...

24 Sep 2021 | 06:13

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް ފަޒްނާ އަޙްމަދު، އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މިސް ޖުޑިތް ބެޓީއާއި، އެމެރިކާގެ ގަރލް ގައިޑްސްގެ ޑިރެކްޓަރ އޮފް ގްލޯބަލް ގަރލް ސްކައުޓިންގ މިސް އަޑްވޯ އައިޑޫއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ގަރލް ގައިޑް އެސޯސިއޭޝަނަށް، ގަރލް ގައިޑް މޫވްމެންޓުންނާއި، ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓްގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ނާޒުކު ޙާލަތުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަރލް ގައިޑުން ޢީޖާދީ ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. ޚާއްޞަކޮށް، އެ ދުވަސްވަރު އައި އިސްލާމީ ޢީދުތަކުގައި ދުވަސްމީ މީހުންނަށް މިފަދަ އެހީތެރިކަން ވަރޗުއަލްކޮށް ފޯރުކޮށްދިނުމަށް ޒުވާނުން އަދާކޮށްފައިވާ ދައުރު އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ސީ.އީ.އޯ ޖުޑިތް ބެޓީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކޮށްލެވީތީ ޝުކުރުއަދާކުރައްވައި ކަމުގައި ވިދާޅުވެ، ގަރލް ގައިޑްސް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި، ކުރިޔަށް އޮތް ދުވަސްތަކުގައި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮމިޝަނަރާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމަވާފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް