ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޓީޗަރުން މަޤާމުތަކަށް ހޮވުމާއި އައްޔަން ކުރުމުގެ އުސޫލު ބަދަލު ކޮށްފިއެވެ. ސީއެސްސީގެ މި އާ ޤަވާއިދުގެ ދަށުން ޓީޗަރުން މަޤާމުތަކަށް ހޮވުމުގައި ޕްރެކްޓިކަލް ބަޔަށްދޭ މާކުހަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވެއެވެ.
މި އުސޫލުގައިވާ ގޮތުން ވަޒީފާ އަށް ކުރިމަތިލާ ފަރާތަށް ޖުމްލަ މާކުހުގެ ގޮތުގައި ހުރިހާ ބަޔަކުން %55 އަށް ވުރެ އިތުރަށް ލިބެންޖެހޭނެއެވެ. މިގޮތުން ލިބިފައިވާ ހުނަރު ދެނެގަތުމަށްޓަކައި ޕްރެކްޓިކަލް ބައިން ޓެސްޓްކުރެވޭ އިރު 35 ޕޮއިންޓް ލިބެއެވެ. އަދި އިންޓަވިއުއިން 25 ޕޮއިންޓު ލިބެއެވެ.
މީގެ އިތުރުން ސީއެސް ރޭންކް 11 އިން ޝަރުތު ހަމަވާނަމަ 25 ޕޮއިންޓު ލިބެއެވެ. ރޭންކު 13 އިން ޝަރުތު ހަމަކޮށްފައިވާނަމަ 30 ޕޮއިންޓް އަދި ރޭންކު 15 އިން ޝަރުތު ހަމަކޮށްފައިވާނަމަ 35 ޕޮއިންޓް ލިބެއެވެ.
އަދި މަޤާމަށް މީހުން ހޮވާއިރު ތަޢުލީމަށް ލިބޭ މާކުހާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް މާކްސް ދޭނެއެވެ. މިހެންކަމުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތުހަމަވާނަމަ މާކްސް ދިނުމުގައި އަސާސީ ޝަރުތު ފުރިހަމަ ވުމުން ލިބޭ މާކްސް ދޭނެއެވެ. އަދި ތަޢުލީމީ ސެރޓިފިކެޓްތައް ވެލިޑޭޓްކޮށް ދަރަޖަ ކުރާނީ 2021 ގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގެ މިންގަނޑުގެ ތެރެއިންނެވެ.
އަދި މި އުސޫލުގައިވާ ގޮތުން ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމްތަކަށް އިޢުލާން ކުރާއިރު ޢިއުލާން ކުރާނީ ހުރިހާ ރޭންކެއްގެ ހުރިހާ ގުރޭޑް ތަކެއް ހިމަނައިގެންނެވެ. އަދި ޝަރުތު ކަމުގައި ބޭނުން ކުރަންވާނީ ޓީޗަރުންގެ އޮނިގަނޑުގައި ބަޔާން ކޮށްފައިވާ ޝަރުތުތަކެވެ.
މީގެ އިތުރުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމުގައި ބަލާނީ ކުރިމަތިލާ ވަޒީފާ އަކާ ގުޅުންހުރި ދާއިރާ އަކުން ލިބިފައިވާ ތަޖުރިބާ އަށެވެ. އެހެންކަމުން ކޮންމެ ކެންޑިޑޭޓަކަށްވެސް އެއް ޕޮއިންޓްގެ މަގުން، ފަހަކަށް ވުރެ އިތުރު ނުވާނޭހެން އަހަރެއްގެ މައްޗައް ޕޮއިންޓް ދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް