މުސްލިމަކާއެކު ސައިބޯން އިން އަންހެންކުއްޖަކަށް ބީޖޭޕީގެ ލީޑަރަކު ހަމަލާ ދީފި !

މުސްލިމު ފިރިހެން ކުއްޖަކާއެކު ސައިތައްޓެއް ބޯން އިން ހިންދޫ އަންހެން ކުއްޖަކަށް، ބީޖޭޕީގެ އަންހެނުންގެ ގޮފީގެ ލީޑަރު ހަމަލާ ދީފި އެވެ. ހަމަލާ ދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ވީޑިއ...

24 Sep 2017 | 02:01

މުސްލިމު ފިރިހެން ކުއްޖަކާއެކު ސައިތައްޓެއް ބޯން އިން ހިންދޫ އަންހެން ކުއްޖަކަށް، ބީޖޭޕީގެ އަންހެނުންގެ ގޮފީގެ ލީޑަރު ހަމަލާ ދީފި އެވެ.

ހަމަލާ ދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ވީޑިއޯއިން ފެންނަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަލީގަޅުގެ ކެފޭއެއްގައި އަންހެން ކުއްޖަކު ފިރިހެން ކުއްޖަކާއެކު ސައިބޯން އިންދާ، ބީޖޭޕީގެ އަންހެނުންގެ ގޮފީގެ ރައީސް، ސަންގީތާ ވާސްނޭ އެ އަންހެންކުއްޖާގެ ކަންކަށި މަތީގައި ދެ ފަހަރަކު ޖަހާ މަންޒަރެވެ.

"މުސްލިމުންނާ ހިންދޫން ވަކިކުރަން ކަލެޔަށް ނޭނގެނީތަ، އަހަރެން މި ބުނަނީ ރީތި ގޮތުގަ އެހެނަސް ކަލެޔަށް މިކަން ވިސްނޭ ކަމަކަށް ނުވޭ" އަންހެން ކުއްޖާއަށް އެއްޗެހި ގޮވަމުން ސަންގީތާ ބުނެފައި ވެ އެވެ.

ސަންގީތާ ވަނީ އެ އަންހެންކުއްޖާގެ ބައްޕައަށް ގުޅައިގެން އެތަނަށް ގެނެސް ގެއަށް ގެންގޮސް އަންހެން ކުއްޖާގެ ކަންކަށިމަތީގައި ޖަހަންވާނެ ކަމަށްވެސް ބުނެފަ އެވެ.

މި މައްސަލައިގާ މުސްލިމް ފިރިހެން ކުއްޖާ ހައްޔަރު ކުރި އެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ އާއިލާއިން އެ ފިރިހެން ކުއްޖާއާއި ދެކޮޅަށް މައްސަލަ ހުށަހަޅަން ބޭނުން ނުވާތީ ފުލުހުން ވަނީ މުސްލިމް ފިރިހެން ކުއްޖާ ދޫކޮށްލާފަ އެވެ.

މި ކަމާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް ނޫސްވެރިން ގުޅުމުން ސަންގީތާ ބުނީ މުސްލިމުން ދެކެ އޭނާ ރުޅި އަންނަނީކީ ނޫން ކަމަށާއި ނަމަވެސް ހިންދޫންނާއި މުސްލިމުން، ގުޅުން ބާއްވަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އޭނާ ކުރި ކަންތައްތަކާއިމެދު ފަހުރުވެރިވާކަމަށާއި އަދިވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ހަމަ އެގޮތަށް ކަންތައް ކުރާނެ ކަމަށް ސަންގީތާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް