މިޔަންމާގެ ސަރުކާރުން އެގައުމުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތާލުމަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާއިން ސަލާމަތްވުމަށް އެތައް ބަޔަކު އަވަށްޓެރި ބަންގްލަދޭޝް އަށް ގޮސްފައިވާއިރު އދ އިން ހާމަކޮށްފައިވާގޮތުގައި 1400 އަށްވުރެ ގިނަ ކުޑަކުދިން ބޯޑަރު ހުރަސްކުރީ އާއިލާގެ މެމްބަރަކާއި ނުލަ އެވެ.
މިއީ އުމުރުން 11 އަހަރުގެ ދިލާރާ ބޭގަމް އަދި އުމުރުން ނުވަ އަހަރުގެ އަޖީޖާ ބޭގަމްގެ ވާހަކަ އެވެ. މި ދެކުދީންގެ ވާހަކަ ގެނެސްދީފައިވަނީ އަލްޖަޒީރާ ނޫހުގަ އެވެ.
މި ދެކުދިންގެ ތެރެއިން އަލްޖަޒީރާއާއި މައުލޫމާތު ހިއްސާކުރީ ހަގު ކުއްޖާ ކަމުގައިވާ އަޖީޖާ ބޭގަމް އެވެ. ލިބުނު ޝޮކެއްގެ ބޮޑުކަމުން ދޮށީ ކުއްޖާ އަދިވެސް ރަނގަޅަށް ވާހަކައެއް ނުދައްކަ އެވެ.
"އެއީ މެންދުރު ކާގަޑި، މަންމަ އެދުނީ ގޯތި ތެރޭގައި ކުޅެން ދިއުމަށް، ބައްޕަ ތައްޔާރުވަމުން ދިޔައީ މަސައްކަތު ދިއުމަށް" އަޖީޖާ އެކުއްޖާގެ ހަނދާންތައް ކިޔާދިނެވެ.
އަޖީޖާ ބުނީ ދިލާރާ ދައްތަ އާއި މުޝްޚަތިން މިކާ ކުއްޖަކާއި ކުޅެން ތިއްބާ ބަޑި ޖަހާ އަޑު އިވުމުން ދުވެފައި ގޮސް ވަނީ ގަސްތަކުގެ ތެރެއަށް ކަމަށެވެ.
"ގަސްތަކުގެ ތެރޭގައި ފިލާ އޮތް އިރު، މަންމައާއި ބައްޕަގެ ގަޔަށް ބަޑި ޖެހި މަންޒަރު ދުށިން، އެމީހުން އަހަރެންގެ ބައްޕަގެ ކަރު ބުރިކޮށްލި، އަދި އަހަރެންގެ މަންމަގެ ބަނޑަށް ބޮޑު ވަޅިއެއް ހެރި" ކަރުނަ ފޮހެލަމުން އަޖީޖާ އެ ކުއްޖާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
އަޖީޖާ ބުނީ އެ ކަންތައްގަނޑުގެތެރޭގައި ދެ ދައްތަ ގެއްލުނު ކަމަށާއި ފަރުބަދައެއްގެ ކައިރިން އަވަށު ބަޔަކާ ދިމާވި ކަމަށެވެ. އަދި ބަންގްލަދޭޝް އަށް ގެނެސްދިނީ އެމީހުން ކަމަށް އަޖީޖާ ބުންޏެވެ. ދެ ދައްތައާއި އަޖީޖާ ބައްދަލުވީ ރެފިއުޖީ ކޭމްޕުންނެވެ. ލިބުނު ޝޮކެއްގެ ބޮޑުކަމުން ދިލާރާއަށް ވާހަކަ ނުދެއްކޭއިރު މުޝްޚަތިމްގެ ގަޔަށް ވަޒަނެއް އަރާފައިވުމުން އަންނަނީ ފަރުވާ ދެމުންނެވެ. މުޝްތަޚިމް ވަނީ ސިކުނޑީގެ އުނިކަން ހުރި ކުއްޖަކަށް ވެފަ އެވެ. އެ ހަމަލާގައި މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ އަށް މެމްބަރަކު މަރާލާފައިވާކަމަށް އަޖީޖާ ބުންޏެވެ.
އަޖީޖާ ބުނީ ބަންގްލަދޭޝްގައި ހުރީ އުފަލުން ކަމަށާއި މަރާލުމުގެ ބިރު ބަންގްލަދޭޝްގައި ނެތް ކަމަށެވެ. އަދި އައު ރަށްޓެހިންތަކެއް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް