މިޔަންމާ ސަރުކާރުން އެ ގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން އެތައް ލައްކަ ބަޔަކު ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފަ އެވެ. އދ އިން ހާމަކޮށްފައިވާގޮތުގައި އޭގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ އަކީ ކުޑަކުދިންނެވެ. އަދި 1400 އަށްވުރެ ގިނަ ކުދިން ބަންގްލަދޭޝް އަށް ގޮސްފައިވަނީ "އެކަނި" ކަމަށް އދ އިން ބުނެ އެވެ.
މިއީ އާއިލާގެ މެމްބަރުންނާއި ވަކިން، އުމުރުން ހަ އަހަރުގެ އަންހެން ކޮއްކޮ ގޮވައިގެން ބަންގްލަދޭޝް އަށް ދަތުރުކުރި، އުމުރުން 10 އަހަރުގެ ރާޝިދުގެ ވާހަކަ އެވެ. މި ވާހަކަތައް ރާޝިދު ކިޔާދީފައިވަނީ އަލްޖަޒީރާ ނޫހަށެވެ.
ކޮކްސް ބާޒާރުގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ހިންގަމުން އަންނަ "ޗައިލްޑް ފްރެންޑްލީ ސްޕޭސް" އެއްގައި އެތައް ސަތޭކަ ކުދިންނެއް، ބައެއް ކުދިން ކުޅެން، އަނެއްބައި ކުދިން ކުރެހުމާއި އެކި ކަންކަމުގައި މަސްއޫލުވެތިބި އިރު ރާޝިދު ތަފާތެވެ. ނެގިމަޑުވެފައި އިން ރާޝިދު ދިޔައީ ހިތާމަ ކުރަމުންނެވެ. ރާޝިދު ހިތާމަކުރަމުންދިޔައީ މިޔަންމާ އަސްކަރިއްޔާއިން އޭނާގެ ބައްޕަ ޒާހިދު ހޮސެއިން އާއި ރާމިޖާ ޚާތޫން މަރާލާފައި ވާތީ އެވެ.
ރާޝިދު އޭނާއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދިނެވެ. ރާޝިދު ބުނީ އޭނާގެ މަންމައާއި ބައްޕަގެ ހަ ދަރިން ތިބި ކަމަށާއި އެމީހުން ދިރިއުޅެމުން ދިޔައީ ޝިކްޑަޕާރާ އަވަށުގައި ކަމަށެވެ. އެ އަވަށަށް އަސްކަރިއްޔާއިން ހަމަލާ ދިނީ އޯގަސްޓް މަހުގެ 25 ގައި ކަމަށް ރާޝިދު ކިޔާދިނެވެ. އަދި އެ ހަމަލާދިން ވަގުތު ރާޝިދު ކަންކުރިގޮތްވެސް ކިޔާދިނެވެ.
"އެއީ ހުކުރު ދުވަހެއް، އެދުވަހު އެމީހުން ބަޑިން ހަމަލާ ދިނުމުން އަހަރެން އަހަރެންގެ އަންހެން ކޮއްކޮގެ އަތުގައި ހިފައިގެން ދުވެފައި ދިޔައީ ފަރުބަދައެއްގެ ކައިރިއަށް، ގޮސް ފިލީ، އަސްކަރިއްޔާއިން އަވަށް ދޫކޮށް ދިޔައިމަ ގެއަށް ދިޔައިރު މަންމައާއި ބައްޕަ އޮތީ މަރާލާފައި" ރާޝިދު ކިޔާދިނެވެ.
ރާޝިދު ބުނީ ހިތާމަކުރަންވެސް ވަގުތެއް ނުލިބުނު ކަމަށާއި ބަންގްލަދޭޝް އަށް ދަތުރުކުރީ އަވަށުގެ އެހެން މީހުންނާއި އެކުގައި ކަމަށެވެ.
"ކޮއްކޮ ގޮވައިގެން އަހަރެން، ތިން ދުވަހާއި ތިން ރޭ ހިނގިން، ނަފް ކޯރު ހުރަސްކޮށް ބަންގްލަދޭޝްގެ ބޯޑަރާއި ހަމައަށް އާދެވުނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު، ޖެހިގެން އައި ދުވަހަކީ އީދު" ރާޝިދު ބުންޏެވެ.
ރާޝިދު ބުނީ އާއިލާގެ އެހެން މެމްބަރުން ވީނުވީއެއް ނޭނގޭ ކަމަށާއި އެމީހުން މަރާލާފައިވާކަމުގައި އަޑުއިވޭ ކަމަށެވެ. އަވަށުގެ އެހެން މީހުންނާއެކު ބަންގަލަދޭޝް އަށް ދަތުރު ކުރިއިރު އަވަށުގެ މީހުން ވަރަށް ހެޔޮ ކަމަށް ރާޝިދު ބުންޏެވެ.
ސީއެފްސީ ސެންޓަރުގައި ރާޝިދު އިން އިރު އެ ސެންޓަރުގެ މުވައްޒަފުން ބުނެފައިވަނީ އެ ސެންޓަރަށް ރާޝިދު އައިއިރު އޭނާގެ ހާލަތު ވަރަށް ދެރަ ކަމަށާއި ކޮންމެ ދެތިން މިނެޓަކުން އައިސް އޭނާގެ މަންމައާއި ބައްޕަ "އެމީހުން" މަރާލި ކަމަށް ސީއެފްސީގެ މުވައްޒަފުންގެ ގާތުގައި ބުނާ ކަމަށެވެ. އެ ސެންޓަރުން ބުނިގޮތުގައި ރާޝިދު ހަމައަކަށް އެޅުނީ ދުވަސް ތަކެއް ވާންދެން ތެރަޕީ ދިނުމުން ނެވެ.
ރާޝިދު ބުނީ އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ ޓީޗަރަކަށް ކަމަށާއި އެއީ ރޮހިންޖާގެ ދަރިންނަށް ކިޔަވައިދިނުމަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް