ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް އެކި ހަރަކާތްތައް ރާވާ ހިންގަން ފަށާފައިވާއިރު ގިނަ ފަންނާނުންތަކަކާއެކު ފޯރިގަދަ ޢީދު ޝޯއެއް ބޭއްވުމަށް ލ.ފޮނަދޫގައިވެސް އަންނަނީ ތައްޔާރު ވަމުންނެވެ.
ފޮނަދޫ "ޒުވާނުންގެ ރޫޙް" ޖަމިއްޔާއިން އިންތިޒާމްކޮށްފައިވާ މި ޝޯ ކުރިއަށްދާނީ ފޮނަދޫ ދަރުބާރު ބިމުގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މި ޝޯގައި ރާއްޖޭގެ ނަން މަޝްހޫރު އެތައް ފަންނާނުންގެ ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ. މިގޮތުން މިރޭގެ ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި މީރާ، ރާފިޔަތު، އަޝްފާ، ލަމްހާ، ލަހްފާ، ކުޑައިއްބެ، އައްމަޑޭ، ތާތި، ޒަރީމް އަދި އަޒޭ ޑާންސް ގްރޫޕް ހިމެނެ އެވެ.
މިރޭ 8:30ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯއަށް ތައްޔާރުވުމުގެ މަސައްކައް ފޮނަދޫ ޒުވާނުންގެ ރޫޙުގެ ފަރާތުން ކުރަމުން އަންނައިރު ޝޯކުރިއަށް ގެންދިއުމަށްޓަކައި ރަށުގެ އެންމެހާ ރައްޔިތުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި އަދި ޝޯ ކުރިއަށް ގެންދިއުމަށްޓަކައި އެހީތެރިވެދިން ދީލަތި އެންމެހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ދުވަސް ނޫހުގެ ފަރާތުން މިއަހަރުގެ ޢީދުގެ ހަރަކާތްތައް ކަވަރުކުރަމުން މިގެންދަނީ ލ.ފޮނަދޫން ކަމަށްވާއިރު މި ޝޯއާއި ފޮނަދޫގެ ތިން އަވަށް ކަމުގައިވާ ކުރިގަމު، މެދު އަވަށް އަދި ބަރާސިލް އަވަށުގައި ކުރިއަށްދާ ހަރަކާތްތަކުގެ ފޮޓޯތަކާއި މައުލޫމާތު "އީދުކުޅިވަރު – ލ.ފޮނަދޫއިން" ލައިވް ބްލޮގް މެދުވެރިކޮށް މިދަނީ ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް