އިންތިހާބީ މަރުކަރުގެ ވަށައިގެން ބެނާ ނުދެމުމަށާއި މިހާރު ހުރި ބެނާތައް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގައިފިއެވެ.
އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިޚާބީ މައި މަރުކަޒު (ދަރުބާރުގެ) އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ޕާޓީތަކަށް އަންގާފައިވާ ކަމަށެވެ.
" މިހާރު ހަރުކުރެވިފައިވާ މިފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށް ވެސް ވަނީ އަންގާފައި" ހަބީބު ވިދާޅުވިއެވެ.
ޢާންމު ތަންތަނާއި، އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ ޢިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް އީސީ އިން ވަނީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސް ކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އިންވެސް ވަނީ އަންގާފައެވެ.
އެ އިދާރާ އިން ބުނި ގޮތުގައި ބައެއް ޕާރޓީތަކުން މިހާރުވެސް ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށްދަނީ ގެއްލުން ލިބެމުންނެވެ.
އެގޮތުން ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އަދި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ގިނަ ޕާޓީ ތަކުން އަންނަނީ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ބެނަރ ދަމަމުންނެވެ. އަދި ހަމައެފަދައިން ދިދަފަތިތަށްވެސް ހަރު ކޮށްފައިވެއެވެ.
އޭގެ ތެރޭގައި ބޮޑުތަކުރުފާނުމަގާއި މަޖީދީ މަގުވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް