"ބިސް ހޮޅުދޫ"އިން މުއިއްޒަށް މަރުހަބާކީ ބިހުގެ މަލާފަތަކުން

"ބިސް ހޮޅުދޫ"ގެ ނަމުން މަޝްހޫރު ވެފައިވާ ނ. ހޮޅުދޫއިން ބިހުގެ މަލާފަތަކުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވައިފިއެވެ. 'ބިސް ހޮޅުދޫ'ގެ ނަމުން އެރަށް މަޝްހޫރު ވެފ...

24 Aug 2023 | 13:29

"ބިސް ހޮޅުދޫ"ގެ ނަމުން މަޝްހޫރު ވެފައިވާ ނ. ހޮޅުދޫއިން ބިހުގެ މަލާފަތަކުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވައިފިއެވެ.

'ބިސް ހޮޅުދޫ'ގެ ނަމުން އެރަށް މަޝްހޫރު ވެފައި ވަނީ، ކުރީ ޒަމާނެއްގައި މާލެއިން އެރަށަށް ދިޔަ ބަޔަކަށް މަރުހަބާ ކިޔުމަށް ދިން ބިސް ކުނިވެފައި ހުރުމުން ކަމަށް އެރަށު މީހުން ބުނެއެވެ. އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެނަމުން ކިޔަން ފެށީ، ރަދުންގެ ޒަމާނުގައި އެރަށަށް ކުރެއްވި ދަތުރެއްގައި ހުސް ބިސް ހުރި ކޭމެއް ދިނުމުންނެވެ.

ނަމަވެސް އެނަމުން ނިސްބަތް ކުރުމުން އެރަށު މީހުން ރުޅިއާދެއެވެ.

ރިޔާސީ ކެމްޕޭނަށް މުއިއްޒު ހޮޅުދުއަށް ވަޑައިގެންނެވީ މިއަދުއެވެ. ހޮޅުދޫއިން މަރުހަބާ ކިޔުމަށް މުއިއްޒުގެ މަންމަ ހުސްނާ އާދަމް އިސްމާއީލް ވެސް ވަޑައިގެންނެވިއެވެ.

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ.

އެގޮތުން އިއްޔެ ވަޑައިގަންނަވާފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށް ފަހު ށ. ކަނޑިތީމު، ފޭދޫ، މިލަންދޫ، ކޮމަންޑޫ، ފޯކައިދޫ އަދި ފުނަދޫއަށް ވަޑައިގެންނެވިއެވެ.

އެރޭގެ ޖަލްސާ އޮތީ ފުނަދޫގައެވެ.

ށ. އަތޮޅު ނިންމަވާލެއްވުމަށްފަހު ނ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވީ މިއަދުއެވެ. އެގޮތުން އެ ދުވަހު ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށެވެ.

ރޭ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

މާދަމާ ނ. މަނަފަރަށް ވަޑައިގެންނެވުމަށްފަހު ދަތުރު ނިންމަވައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނަށް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އަރިހުގައި އަނބިކަނބަލުންވެސް ދަނީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް