ށ.ފުނަދޫ އަދި ތ.ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ނިމިދިޔަ އަންގާރަ ދުވަހު ފަށާފައެވެ. އަދި ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މި މަހު 19 ގައި ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
ފުނަދޫ މަޝްރޫޢުގެ ދަށުން، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 21,023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ވިލުފުށި މަޝްރޫޢުގެ ދަށުން، 3,047 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 1,869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދުފުންކުރުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް، 184 މީޓަރު ރިވެޓްމެންޓް ޖެހުމާއި، ފަތާސަރަޙައްދު ވަކިކުރުމަށް ބެރިޔަރ ފްލޯޓްސް އެޅުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ށ.ފުނަދޫގެ މަޝްރޫއަކީ 17.18 މިލިއަން ރުފިޔާގެ އަގެއްގައި އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ މަޝްރޫއަކަށް ވާއިރު، ތ.ވިލުފުށީގެ މަޝްރޫއަކީ 10.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް