ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޙުސައިން ވަޙީދެވެ.
"ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް. އެ ބިނާތަކާމެދު އޮންނަ ބިނާތަކަކަށްވާތީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުންވެސް ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
https://twitter.com/MVIaffairs/status/1694667995770233162
އިސްލާމިކް މިނިސްޓްރީ އިން ބުނާ ގޮތުގައި މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހއ.މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 8,080,557.86 އެވެ.
އަދި ގއ. ގެމަނަފުށީގައި ޢިމާރާތްކުރާ މިސްކިތުގެ އަގަކީ 10,190,999.55 ކަމަށް އެ މިނިސްޓްރީ އިން ވަނި ހާމަކޮށްފައިއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.
އަދި 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް