ރަސްމާދޫގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަ ކޮށްދެއްވައިފި

ރ. ރަސްމާދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފާހަގަ ކޮށްދެއްވައިފިއެވެ. ރައީސް މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވ...

24 Aug 2023 | 13:01

ރ. ރަސްމާދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފާހަގަ ކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގަންނަވައެވެ.

އެގޮތުން މިއަދު ރަސްމާދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރަސްމާދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ނެރާއި ފަޅު ފުންކުރުމާއި 36 މީޓަރުގެ ގްރޯއިން ޖެހުމާއި 181 މީޓަރުގެ ރިވެޓްމަންޓް ޖެހުން އަދި 272 މީޓަރުގެ އެއްގަމުތޮށި ލުމާއި 84 މީޓަރުގެ ކޮންކްރީޓް ޖެޓީ ހެދުމާއި އަދި ބަނދަރާއި ގުޅޭ އެހެންމަސައްކަތްތައް ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 195 މީޓަރުގެ ޓީ-ގްރޮއިން އަދި 186 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލާފައިވެއެވެ.

މީގެ އިތުރަށް، ރައީސް ވަނީ ރަސްމާދޫ އިންޖީނުގެއާއި ފެނަކަ އޮފީސް ވެސް ހުޅުއްވައިދެއްވާފައެވެ.

ރަސްމާދޫ އައު އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ ކުރިޔަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ރައިސް އޮފީހުން ބުނެއެވެ.

އަދި އެ އޮފީހުން ބުނީ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 653 ކިލޯވޮޓް ނަމަވެސް މިހާރުގެ އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 795 ކިލޯވޮޓް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް