ރ. މަޑުއްވަރި އަދި ދުވާފަރުގައި ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ރ. މަޑުއްވަރި އަދި ދުވާފަރުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ. ރައީސްމި މަޝްރޫޢުތަކުގެ ނިމު...

24 Aug 2023 | 12:52

ރ. މަޑުއްވަރި އަދި ދުވާފަރުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.

ރައީސްމި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށް   ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނެފައިވެއެވެ.

އެގޮތުން މަޑުއްވަރީއަށް އިއްޔެ ވަޑައިގެން ރައީސް ވަނީ އެރަށު ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި ދުވާފަރަށް ވަޑައިގެން އެމަނިކުފާނު މިއަދު ވަނީ އެރަށުގެ ބިން އިތުރުކުރުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި މަގުހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އަދި އެރަށު ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާފައިވާފައެވެ.

މަޑުއްވަރީ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

އަދި މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި 582 މީޓަރުގެ އެއްގަމުތޮށި ލުމާއި 135 މިޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.

ހަމައެފަދައިން މިއަދު ނިމުން ފާހަގަކޮށްދެއްވި ދުވާފަރު ބިން އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.

އެ މަޝްރޫޢުގެ ދަށުން އެރަށަށް 22.2 ހެކްޓަރުގެ ބިން އިތުރުކޮށް ބޮޑުހިލައިގެ ރިވެޓްމެންޓް އަދި ބޭރުތޮށި ޖަހާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 5.7 ކިލޯމީޓަރުގެ މަގު ރަނގަޅުފެންވަރަކަށް ހަދާފައިވެއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ހުޅުވައިދެއްވި ދުވާފަރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.

ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކޮށްފައިވާއިރު ލައިޓިންގ ސިސްޓަމުގެ މަސައްކަތްކޮށްފައި ވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް