ދިރާގުން އަމާން ވެށި އަދި އަމާން ހިޔާއަށް އެހީތެރިކަން ފޯރުކޮށްދީފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފް.ސީ.އެސް.ސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރ...

24 Aug 2023 | 10:21

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފް.ސީ.އެސް.ސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަމާން ވެށި އަދި އަމާން ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ގެދޮރު ފޯރުކޮށްދޭ އަދި ގެވެށި އަނިޔާ ތަހައްމަލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއްގެ ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސެންޓަރުތަކެވެ.

އެގޮތުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ ދަށުން ވެދޭ މި އެހީގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ހަލުވި ސްޕީޑްގައި ދިރާގު އިންޓަރނެޓް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ އެފް.ސީ.އެސް.ސީތަށް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދިރާގުގެ އަމާޒަކީ މި 10 އެފް.ސީ.އެސް.ސީއަސްގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ތަޢުލީމީ ބޭނުންތައް ފުއްދައިދިނުމަށާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ ދަށުން އެކުންފުނިން ދަނީ ފާއިތުވި އަހަރުތަކުގައިވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.

ހަމައެފަދައިން ކުޑަކުދިންގެ ހިޔާއަށް އިންޓަރނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓަރ ސިސްޓަމްތައް ހަދިޔާ ކުރުމާއި އެ ސެންޓަރުގެ ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ގާއިމްކުރުން ދިރާގުގެ އެހީތަކުގައި ހިމެނެއެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ.

އެގޮތުން އެކުންފުނިން ދަނީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތް ކުރާ އެކި އެން.ޖީ.އޯތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް