އެހެން ގައުމުތަކާ އެކަހެރިވެ އޮވެގެން އެއްވެސް ގައުމަަކަށް ކުރިއެރުމެއް ނުލިބޭނެ: ރައީސް

އެހެން ގައުމުތަކާ އެކަހެރިވެ އޮވެގެން އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރ. އިނގުރައިދޫއަށ...

24 Aug 2023 | 06:55

އެހެން ގައުމުތަކާ އެކަހެރިވެ އޮވެގެން އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރ. އިނގުރައިދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯއިން އެންމެ ފަހުން ހާމަކުރީ ހެޔޮ ވެރިކަމެއްގެ ސިޔާސަތު ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ހާރިޖީ ސިޔާސަތަކީ ވަރަށް މުހިންމު އެއްބައި ކަމަށެވެ.

މިނިވަންކަމާ ސަލާމަތާ ރައްކާތެރިކަމާ އަދި ތަރައްގީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުން ނަމަ ދުނިޔޭގެ ގައުމުތަކާއެކު އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ވިސްނުން ހުރީ އެއާ މުޅިން ތަފާތުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމިއްޔަތުގެ ނަމުގަ ރައްޔިތުންނަށް އެކަން ވިސްނާދީ، މުޅިން އެކަހެރިވެ ވަކިވެގަނެގެން ގައުމު ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް އެ ބޭފުޅުން (ކުރީ ސަރުކާރު) ގެންގުޅުއްވީ. މިއީ ބައެއް ވެރިން ކަން ކުރަމުން ދާ ގޮތް" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ވެރިކަމުގެ އާރާއިބާރު ހިފެހެއްޓުމަށް، ގައުމިއްޔަތުގެ ނަމުގައި އެބަސް ބޭނުންކޮށްގެން ކުރީ ސަރުކާރުން މީހުން ބޮލަށް ވައްދައި، ބައެއް ގައުމުތަކާ އޮންނަ ގުޅުން ކުޑަ ކުދި ކަމަށެވެ.

އެހެން ނަމަވެސް މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށާއި، މިހާރު އެކަހެރިކޮށެއް ނުތިބެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އަވަށްޓެރިންނާއެކުވެސް، އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކުވެސް ގުޅުން ބަދަލި ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ދުނިޔޭގެ އދ ގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން 185 ގައުމާއެކު ގުޅުން ބަދަލިކޮށްފައިވާނެ ކަމަށެވެ. އަދި ވިސާ ނެގުމެއް ނެތި މިހާރު ދިވެހިންނަށް 89 ގައުމަކަށް ދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް