ކޮންމެ އަހަރަކު ސްރީލަންކާއިން ރާއްޖެއަށް 50،000 ރުއް ހިލޭ ހަދިޔާ ކުރަން ނިންމާފައި ވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރުކުގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ، ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން ށ. ގޮއިދޫގައި ކުރިއަށް ދިޔަ ރުއް އިންދުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރުށް އިންދާނެ ޖާގަ ގޮއިދޫގައިވެސް ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެރަށުގައި އިންދާފައި ވަނީ 107 ރުއް ކަމަށެވެ.
މި މަސައްކަތް މިއަށްވުރެ ފުޅާކޮށް، އަންނަ އަހަރު ފަޅު ރަށްރަށުގައިވެސް ރުއް އިންދުމުގެ ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
މިނިސްޓަރު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުން އަހަރަކު 50،000 ރުއް ރާއްޖެއަށް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ އަދަދަށް ރުއް އެ ގައުމުން ގަނެގެން ރާއްޖެ އެތެރެ ކުރަން ހުށަހެޅުމުން އެ ގައުމުން ބޭނުންވީ އެ އަދަދަށް ރުއް ހިލޭ ދިނުމަށް ކަމަށެވެ.
ރާއްޖެއިން ކުރުނބާއާއި ކާށި ލިބުން ދަތިވެ، އެތަކެތި ރާއްޖެއިން ބޭރުން އެތެރެ ކުރަން ޖެހުމުގެ ސަބަބުން، ރުކުގެ އާ ޖީލެއް ބިނާ ކުރުމުގެ ޕްރޮގްރާމު ސަރުކާރުން ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. މި ޕްރޮގްރާމު ހިންގަނީ ބިން ބޮޑެތި ރަށްރަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް