ފައިސާ ހުއްޓަސް މަޝްރޫއުތައް ހިިންގާނެ ގޮތެއް ޕީޕީއެމް އަކަށް ނޭނގޭ: ރައީސް

ތަރައްގީގެ މަޝްރޫއުތައް ހިންގަން ފައިސާ ހުރި ނަމަވެސް މަޝްރޫއުތައް ހިންގާނެ ގޮތް އިދިކޮޅު ޕީޕީއެމްއަސް ނޭނގޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ...

23 Aug 2023 | 23:26

ތަރައްގީގެ މަޝްރޫއުތައް ހިންގަން ފައިސާ ހުރި ނަމަވެސް މަޝްރޫއުތައް ހިންގާނެ ގޮތް އިދިކޮޅު ޕީޕީއެމްއަސް ނޭނގޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް ވަޑާއިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫއުއެއް އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން، 140ށް ވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި 150 އެތައް ރަށެއްގެ ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތާއި 125ށް ވުރެ ގިނަ ރަށުގެ ލަފާ ފުރުމުގެ މަސައްކަތް އެއްފަހަރާ ކުރަމުން ގެންދާ ކަމަށެވެ.

މިއީ އިދިކޮޅު ޕީޕީއެމްއަށް ގަބޫލު ކުރެވޭ ހަގީގަތެއް ނޫން ކަމަށާއި މިފަދަ ކަމެއް ކުރެވިދާނެ ކަމަކަށް އެ ބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެންވެސް އެ ބޭފުޅުންނަށް ފުރުސަތު ލިބިއްޖެ ނަމަ ވާނީ ކުރިންވެސް ކަންތައް ވީ ގޮތަށް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފައިސާ ހުރި ނަމަވެސް ކަން ކުރާނެ ގޮތެއް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ މީގެ ކުރިން 2018 ވަނަ އަހަރުވެސް މަޑުއްވަރިއަށް ވައިގެންނެވި ކަމަށެވެ. އޭރުވެސް އެރަށުން ހަމަ އެ ޖޯޝާއި ފޯރީގައި ނުކުވެ މަރުހަބާ ދެންނެވި ކަމަށެވެ.

ނަމަވެސް އެދުވަހު ރައްޔިތުންގެ އިހުސާސްތައް ވަރަށް ބޮޑަށް ތަފާތު ކަމަށާއި ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެ ދުވަހު ކައިރި ކުރަން ޖެހުނު ބަނދަރު އޮތް ހާލަކީ ރައްޔިތުން އެންމެ ފުރަތަމަ ކަންބޮޑުވުމެއްގެ ގޮތުގައި އޮއްސާލި ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެޔާއެކު، މަޑުއްވަރިއަކީ މަސްވެރި ރަށަކަށް ވާއިރު އެރަށުން އައިސް ނުލިބުމުގެ ޝަކުވާ ރައްޔިތުން ރައީސްގެ އަރިހަށް ގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ އެތައް ޝައުވާއެއް އެދުވަހު ރައްޔިތުންގެ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދީފައި ވާނެކަން މިއަދު މަޑުއްވަރީއިން ފެންނަ މަންޒަރުން ހާމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދަތި އުނދަގޫ ދުވަސްވަރެއްގައި އެރަށުގައި ބޮޑު ބަނދަރެއް އަޅާ ނިމިއްޖެ ކަމަށާއި، އައިސްޕްލާންޓް ބަހައްޓާ، 50 ޓަނުގެ ސްޓޯރޭޖާއެކު ރައްޔިތުންނަށް އައިސް ލިބޭނެ ގޮތް ހަދައިދެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ އިމާރާތާއި ބޭންކުގެ ހިދުމަތް ފަދަ އެތައް ވަސީލަތެއް އެރަށަށް ފޯރުކޮށްދެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިންގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. މިއަދު ނުކުމެވަޑާއިގެން ދައްކަވާ ވާހަކަތަކުން އެކަން ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށެވެ.

"އެ ވިދާޅުވަނީ، އަޅުގަނޑުމެން އަނެއްކާވެސް އައިސް ބައިވަރު ވައުދުތައް ވަނީއޭ، ހަމަ އަރާ ކޮންމެ ރަށަކަށް. ރައްޔިތުން ބުނާ ހަމަ ކޮންމެ ކަމެއް ކޮށްދޭނަމޭ ބުނަނީއޭ. އެ ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ އެކަން ކޮށްދޭނެ ގޮތެއް" ރައީސް ވިދާޅުވިއެވެ.

އިދިކޮޅަށް ފުރުސަތު ދެވުނުކަމަށް ރައީސް ވިދާޅުވިއެވެ. 2013އިން 2018 އަށް އެއީ ދުނިޔޭގެ އިގްތިސޯދުވެސް އެންމެ ފައްކާކޮށް އޮތް ދުވަސްވަރު ކަމަށާއި ރާއްޖޭގެ އިގްތިސޯދުވެސް އެންމެ ފުދުންތެރި ދުވަސްވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބޭފުޅުންނަށް ކަންކަން ނުކުރެއްވުމުން ދެން އެހެން ބަޔަކަސް ވެސް އެކަން ނުކުރެވޭނެ ކަމަށް ބަލައި އެވާހަކަ އެގޮތަށް ދެއްކުމަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދޭ މީހުން ދައްކާނެ ވާހަކައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަން ކުރަންވީ ގޮތް އެނގިލައްވާ ކަމަށެވެ. އަދި ޕްލޭން އެބަ އޮތް ކަމަށާއި އެކަން ކުރާނެ މީހުންވެސް އެބަތިބި ކަމަށެވެ. މިދިޔަ ފަސް އަހަރު ވީ ވައުދުތައް ފުއްދަމުން މިދަނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް