މަޑުއްވަރީ ދާއިރާއިން ރައީސް އިންނެވީ އޭ ރިޕޯޓް ހޯއްދަވައިގެން: މޫކޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. މަޑުއްވަރިއާއި އެ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް ޓެސްޓުކޮށްފައިވާ ކަމަށާއި، ރައީސް އިންނެވީ އެ ދާއިރާއިން އޭ ރިޕޯޓް ހޯއްދަވައިގެން ކަމަށް އާރުޑީސީގެ މެނޭޖިން...

23 Aug 2023 | 22:42

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. މަޑުއްވަރިއާއި އެ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް ޓެސްޓުކޮށްފައިވާ ކަމަށާއި، ރައީސް އިންނެވީ އެ ދާއިރާއިން އޭ ރިޕޯޓް ހޯއްދަވައިގެން ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީ ރ. މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރ. މަޑުއްވަރީ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މޫކޭ ވިދާޅުވީ އެ ދާއިރާއާއި ގުޅޭގޮތުން އާދޭހާއި މުޒާހަރާގެ ސިފައިގައިވެސް ވަރަށް ގިނަ މީހުންގެ ކައިރީގައި ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ ކަމަށާއިޝަކުވާ ކޮށް، ހުރި އުދާސްތައް ބަންޑުން ކުރެވިއްޖެ ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހު ނޫނީ އެ ވާހަކަތައް އަޑުއެހި ރައީސަކު ނެތް ކަމަށެވެ.

"ރައީސަށް ނޫނިއްޔާ މި ދާއިރާއަށް އައިސް، ހާއްސަ ގޮތެއްގައި މަޑުއްވަރިއަށް އައިސް ވޯޓެއް ދޭށޭ ބުނެވޭނެ ހަމަ އެކަކުވެސް، އެންމެ ކެނޑިޑޭޓެއްވެސް މި ރާއްޖޭގެ ކުރިމަތިލާފަ ތިތިބަ އަށް މީހުންގެ ތެރޭގަ ހަމަ ނެތް" މޫކޭ ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ ތަފާތު ރައީސްއެއްކަން ފާހަގަ ކުރައްވައި މޫކޭ ވިދާޅުވީ މީގެކުރިން، ޝުއޫރު ފާޅު ކުރުމުން ގެންގޮސް ހުރަގެއަސްލަނީ ކަމަށެވެ. ނޫވަތަ އެހެން ގޮތަކުން ނައްތާލަނީ ކަމަށެވެ.

ނަމަވެސް ދައްކާނެ ވާހަކައެއް ދައްކަން ފުރުސަތު ހުޅުވައިދިނީ ރައީސް ސޯލިހު ކަމަށް މޫކޭ ވިދާޅުވިއެވެ.

މިއަދުވެސް ރ. މީދޫ ޒުވާނުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނަސްއަށް އިންސާފު ހޯދުންކަން ފާހަގަ ކުރައްވައި މޫކޭ ވިދާޅުވީ މަޑުއްވަރިއަށް ވަޑައިގަތުން ފަސްކުރައްވައި މީދޫ ޒުވާނުންގެ އެ ކަންބޮޑުވުން ރައީސް އަޑުއެއްސެވި ކަމަށެވެ.

އޭގެ އިތުރުން މޫކޭ ވިދާޅުވީ، ގެދޮރުވެރިކަމަކީ އެ ރަށާއި އެ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން ދެމަފިރިންނާއެކު ތިން ހަތަރު ކުދިން އެއް ކޮޓަރިއެއްގައި އުޅެމުންދަ ކަމަށާއި އެއީ ދެކެން ބޭނުންވާ ތަނެއް ނޫން ކަމަށެވެ.

މަޑުއްވަރީގައި ބިން ހިއްކެއް ނެތް ނަމަވެސް އެހެން ގޮތަކުން ވިޔަސް ކުރިއަށް އޮތް ދައުރުގައި އެކަން ހައްލުކޮށްދިނުން ރައީސަށް ދަންނަވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

އަދި އެރަށުގެ ސިއްހީ ނިޒާމު ރަނގަޅުކޮށް، ރަށުގެ ވަށައިގެންވާ ރިވެޓްމެންޓްގެ މައްސަލަ ފަދަ އެތައް މައްސަލައެއް ހައްލު ކޮށްދެއްވާނެ ކަމުގެ އުންމީދީ ހުޅުކޮޅެއް އޮތް ހަމައެކަނި ފަރާތަކީ ރައީސް ސޯލިހު ކަން ޝައްކެއް ނުކުރައްވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް