ޖީ-20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބައިޑަން އިންޑިއާއަށް ވަޑައިގަންނަވަނީ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޖީ-20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނެފިއެ...

23 Aug 2023 | 20:09

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޖީ-20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނެފިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ބައިޑެން އިންޑިއާއަށް ކުރައްވާ މިދަތުރުފުޅާއި ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ބައިޑަން އާއި ޖީ-20 ގެ ޕާޓްނަރުން ވެސް ސާފު ހަކަތަ ބަދަލުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުގެ ކެޕޭސިޓީ އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. ޖީ-20 ސަމިޓް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9 އަދި 10 ވަނަ ދުވަހުއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖޫން މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިޑަން ވަނީ ސެޕްޓެމްބަރު މަހު ނިއު ދިއްލީގައި ބާއްވާ ޖީ-20 ސަމިޓަށް އިންތިޒާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވައިޓް ހައުސްއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަވައިގެން، ރައީސް ބައިޑަން، ޖީ-20 ގެ ލީޑަޝިޕަށް ތައުރީފު ކުރައްވާނެ ކަމަށާއި، ޖީ-20 އަކީ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު ފޯރަމްގެ ގޮތުގައި އެމެރިކާ އިން ވައުދުވާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.

ވައިޓް ހައުސްގެ ބަޔާނުގައި ބުނެފައިވަނީ ޖީ20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާ ސެޕްޓެމްބަރު މަހުގެ 7 އިން 10 އަށް އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށެވެ. "ރައީސް ބައިޑަން އާއި ޖީ-20 ގެ ޕާޓްނަރުން ގުޅިގެން ދުނިޔޭގެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި ސާފު ހަކަތަ ބަދަލުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޔޫކްރެއިންގައި ޕޫޓިން ކުރެއްވި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ވޯލްޑް ބޭންކް ހިމެނޭ ގޮތަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުގެ ގާބިލްކަން އިތުރުކުރުމާއި، ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުން ހިމެނެއެވެ.

1 ޑިސެމްބަރު 2022 އިން 30 ނޮވެމްބަރު 2023 އަށް އެއް އަހަރު ވަންދެން ޖީ-20 ގެ ރައީސްކަމާ އިންޑިއާ ހަވާލުވެ، އެ ގައުމުން އަންނަނީ ގިނަ ބައްދަލުވުންތަކެއް އެގައުމުގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް