އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ދަށުން ދޭ ބަހުގެ ހިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުން ކުރެވޭ ގޮތް ހަދަން ތައްޔާޜުވަމުން އެބަދެ އެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް ދެނީ ގްރޭޓާ މާލޭ އޭރިއާ، ލ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް ވިދާޅުވީ އާރުޓީއެލްގެ ބަސްތަކުގައި ބީއެމްއެލްގެ ކާޑުތަކާއި އެކު، އާރުޓީއެލް ކާޑާއި އޮންލައިންކޮށް ޓިކެޓު ނަގައިގެން ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިހާރު އަތޮޅު ތެރޭގައި ބަހުގެ ހިދުމަތްދޭ ތިން ސަރަހައްދުގައި ޓެސްޓް ޓްރަޔަލްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަހުގެ ތެރޭގައި އަތޮޅު ތެރޭގައި ރަސްމީކޮށް އެ ހިދުމަތް ފެށޭވަރު ވާނެ ކަމަށާއި ގްރޭޓާ މާލޭ އޭރިއާގައި ބީއެމްއެލްގެ ކާޑާއި، އާރުޓީއެލް ކާޑާއި އޮންލައިންކޮށް ޓިކެޓު ނަގައިގެން ހިދުމަތް ދިނުމުގެ ޓެސްޓު ޓްރަޔަލްތައް މިމަސް ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.
އަދި އުންމީދު ކުރަނީ ވަރަށް އަވަހަށް ރަސްމީކޮށް މާލެ ސަރަހައްދުގައިވެސް ހިދުމަތް ފެށޭނެ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ކުރިޔަށް ދަނީ ބަސްތަކުގައި މެޝިންތައް އިންސްޓޯލްކޮށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ.
ހިދުމަތް ބޭނުން ކުރަން ފެށުމުން ބީއެމްއެލްގެ ހުރިހާ ކާޑުތައް ބަސްތަކުގައި ބޭނުން ކުރެވޭނެ އެވެ. މިކަމަށް ދެ މެޝިނެއް ބަހުގައި ބޭނުން ކުރެ އެވެ. އާ ހިދުމަތްތައް ފެށުމުން މިހާރު ބޭނުން ކުރާ އެމްޓީސީސީ ބަސް ކާޑު ބޭނުން ކުރުން ހުއްޓާލާނެ އެވެ.
ދެން ބޭނުން ކުރާނީ އާރުޓީއެލް ބަސް ކާޑު ކަމަށާއި މިހާރު ބޭނުން ކުރާ ކާޑުތަކަށް އަމަލު ކުރާނެ ގޮތަކާއި މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތަކީ ބާރު ބޮޑު ހިދުމަތެކެވެ. އެ ކުންފުނިން ބުނީ މާލެ ސަަރަހައްދުގައި އެކަނި ކޮންމެ ދުވަހަކު 19،000 އަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް